31 Jan 2017, 13:15
މިދިޔަ އަހަރުގެ ފަހު ކުއާޓަރު ނިމުނު އިރު، އެސްޓީއޯއަށް ލިބުނު ފައިދާ، 2015 ވަނަ އަހަރާ އަޅައިބަލާއިރު ދަށްވެއްޖެއެވެ.
ދެހާސް ފަނަރަވަނަ އަހަރު ނިމުނު އިރު އެސްޓީއޯއަށް 435 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް، ނިމިދިޔަ 2016 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެސްޓީއޯއަށް ލިބިފައިވަނީ 301،545،355 ރުފިޔާއެވެ. މިއީ 30 ޕަސަންޓުގެ ދަށްވުމެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެސްޓީއޯއަށް އެ ކުއާޓަރުގައި ލިބިފައިވަނީ 53 މިލިޔަން ރުފިޔާގެ ފައިދާއެވެ. ތިންވަނަ ކުއާޓަރުގައި 56.4 މިލިޔަން ރުފިޔާގެ ފައިދާ ލިބުނު އިރު، ދެވަނަ ކުއާޓަރުގައި ލިބުނީ 79.9 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.
ނިމިދިޔަ އަހަރު އެސްޓީއޯއަށް އެންމެ ވިޔަފާރި ރަނގަޅީ ފުރަތަމަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި 112 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާ އެސްޓީއޯއަށް ލިބިފައިވެއެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ރެޑިސަން ހޮޓެލްގެ އިމާރާތް --
މިދިޔަ ކުއާޓަރުގައި އެސްޓީއޯގެ ބޯޑުން ވަނީ، ކުންފުންޏަށް އާ ތެޔޮ ޓޭންކަރެއް ގަތުމަށް ނިންމައިފައެވެ. މީގެ އިތުރުން ހުޅުމާލޭގައި އެސްޓީއޯއިން ތަރައްގީކުރާ ރެޑިސަން ހޮޓެލް މަޝްރޫއު ކުރިޔަށް ގެންދިއުމަށް އިންވެސްޓަރުން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ އިރު، 2017 ވަނަ އަހަރުގެ ކުންފުނީގެ ބަޖެޓުވެސް ވަނީ ފާސްކޮށްފައެވެ.
މިދިޔަ ކުއާޓަރުގެ ތެރޭގައި އެސްޓީއޯގެ ކުރީގެ ޗެއާމަން އަހްމަދު ނިޔާޒް އެކުންފުނިން ވަކިކުރައްވައި، އެމްޓީސީސީގެ ޗެއާމަންކަމަށް ބަދަލުކުރެވުނު އިރު، އެމްޓީސީސީގެ އޭރުގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު ވަނީ އެސްޓީއޯގެ ޗެއާމަންކަމަށް އައްޔަނުކޮށްފައެވެ.