މާލެ އާއި ހުޅުމާލޭގައި ޕްރިމިއަމް ޓެކްސީ ހިދުމަތް ތައާރަފް ކުރުމަށް އަލުން ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިއަދު ސަން އަށް ވިދާޅުވީ އެ މަސައްކަތް ކުރަން މީގެ ކުރިން ހަވާލު ކުރީ އެމްޓީސީސީއާ ކަމަށާއި ނަމަވެސް އެ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ކުރަން ދީފައި އޮތް މުއްދަތު ހަމަވެގެން ދިޔަ އިރު ވެސް މަސައްކަތް ފެށިފައިނުވާތީ އެ އެއްބަސްވުން އުވާލައި، އަލުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

"މިއަދާ ހަމައަށް އައި އިރު ވެސް އެ ޚިދުމަތް ފޯރުކޮށް ނުދެވި އަޅުގަނޑުމެން އެ ޚިދުމަތް ދިނުމަށް ދީފައިވާ މުއްދަތު ހަމަވުމާ ގުޅިގެން މިހާރު މިވަނީ އެމްޓީސީސީ އަތުން އެ ކޮންޓްރެކްޓު ބާތިލްކޮށްފައި،" ނާފިޒު ވިދާޅުވި އެވެ.

ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ އެމްޓީސީސީން އެކަންޏެވެ. އެ ޚިދުމަތް ދޭން ހަވާލު ކުރީ ތިމާވެއްޓާ ރައްޓެހި ޒީރޯ އެމިޝަން ކާރުގަ އެވެ. އަދި ޓެކްސީން އަގު ނަގަން ކަނޑައަޅާފައި ވަނީ ވެސް ދަތުރު ކުރާ ދިގުމިނަށް ބަލައި މީޓަރަށް ބަލައިގެންނެވެ. އޭގެ އިތުރުން އެ ޓެކްސީން ކޭޝް ކާޑާއި ކްރެޑިޓް ކާޑުން ވެސް ފައިސާ ދެއްކޭ ގޮތަށެވެ.

އެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އަލުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް އެދި ހުށަހުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު އެމްޓީސީސީއާ އެ މަސައްކަތް ހަވާލު ކުރީ ސްކޫލު ބަހުގެ ޚިދުމަތް ވެސް ދޭ ގޮތަށެވެ. ނާފިޒު ވިދާޅުވީ ސްކޫލް ބަހުގެ ހިދުމަތް ކުރަމުންދާ ގޮތާއި އޭގެ ތަފްސީލުތައް އެމްޓީސީސީއާ ވަރަށް ގާތުން މަސައްކަތްކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި އެންމެ އެދެވޭ ގޮތެއްގައި އެ މަސައްކަތް ނުފެށި ދުވަސް ނަގާ ނަމަ އެ މަސައްކަތުގެ ކޮންޓްރެކްޓު ވެސް ބާތިލްކޮށް އެކަމަށް އަލުން ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.