އިސްލާމްއާބާދު (ޖެނުއަރީ 31): ދެހާސް އަށް ވަނަ އަހަރު އިންޑިއާގެ މުމްބާއީއަށް ދިން ޓެރަރިސްޓު ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދީނީ އިލްމުވެރިއަކު ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނު ފުލުހުން ބުނި ގޮތުގައި ހާފިޒު މުހައްމަދު ސައީދު ހައްޔަރުކޮށްފައި ވަނީ އޭނާގެ ދީނީ ޗެރިޓީ، ޖަމާއަތުއްދަވާގެ މައި އޮފީހުގައި ހުއްޓައި ހޯމަ ދުވަހު އެވެ.

"އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ ގޭ ބަންދުގައި ބަހައްޓާފައި،" ފުލުުހުންގެ ތަރުޖަމާނު ނަދީމް އަވާން ވިދާޅުވި އެވެ.

ހަތިޔާރު އަޅައިގެން ތިބި 10 މީހުން ނޮވެމްބަރު 2008ގައި މުމްބާއީއަށް ދިން ޓެރަރިސްޓު ހަމަލާތަކުގައި 166 މީހަކު މަރުވި އެވެ.

އެމެރިކާ އާއި އިންޑިއާ އިން ގަބޫލު ކުރާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ ސައީދު ވުޖޫދަށް ގެނައި ލަކްޝަރު އީ ތައިބާއިންނެވެ. އެހަމަލާއާ ގުޅިގެން ޕާކިސްތާނުން ހަ މަސް ވަންދެން ސައީދު ގޭ ބަންދުގައި ބެހެއްޓި ނަމަވެސް އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެގައުމުން ވަނީ އޭނާ 2009 ވަނަ އަހަރު ދޫކޮށްލައިފަ އެވެ.

އަދި 2012 ވަނަ އަހަރު އެމެރިކާ އިން ވަނީ މުމްބާއީއަށް ދިން ހަމަލާތަކާއި އޭނާއާ ގުޅުވޭނެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އަދި އެމެރިކާ އާއި އދ.އިން ބުނާ ގޮތުގައި ސައީދު ހިންގާ ޗެރިޓީއަކީ ލަޝްކަރު އީ ތައިބާއަށް ފައިސާ ހޯދުމަށް ހިންގާ ޗެރިޓީއެކެވެ.

ނަމަވެސް ސައީދު ވަނީ އެހުރިހާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ހޯމަ ދުވަހު އޭނާ ގޭ ބަންދުގައި ބެހެއްޓުމުގެ ކުރިން ޕާކިސްތާނުން ސައީދާ ދެކޮޅަށް އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. (އަލްޖަޒީރާ)