31 Jan 2017, 11:40
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާއި ރިޓްޒް ކާލްޓަން ގުޅިގެން ރިސޯޓެއް ތަރައްގީކުރަމުން ދިޔަ ނ. އެކުޅިވަރުގައި ރިސޯޓު ތަރައްގީކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ.
އެމްޓީޑީސީއިން 2008 ވަނަ އަހަރުން ފެށިގެން ތަރައްގީކުރަމުން ދިޔަ ނ. އެކުޅިވަރުގެ މަސައްކަތް ނުހިނގާ، ގިނަ ދުވަސްތަކެއް ވެފައި އޮއްވާ، މިދިޔަ އަހަރު ދައުލަތުން ވަނީ ނ. އެކުޅިވަރުގެ އެގްރިމެންޓު ބާތިލުކޮށް، އެވެ. އަދި ނ. އެކުޅިވަރު ތަރައްގީކުރުމަށް އެސްޓީއޯއަށް ދޭނެ ކަމުގެ ޚަބަރުވެސް ފެތުރުނެވެ.
ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ، ނ. އެކުޅިވަރުގައި ރިސޯޓު ތަރައްގީކުރުމަށް އެސްޓީއޯއަށް ހަވާލުކޮށްފައެވެ.
އެހެން ނަމަވެސް ނ. އެކުޅިވަރު ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ ބެހޭ އިތުރު މައުލޫމާތެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް ޝަހީރު ވިދާޅުވިއެވެ.
"އަދި މި މަހުގެ ތެރޭގައި ރަށާ ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރީ. އިތުރު ތަފްސީލެއް ހާމަކުރުމަށް އަދި މާ އަވަސް،" ޝަހީރު ވިދާޅުވިއެވެ.
އެސްޓީއޯއިން ނެރެފައިވާ، އެކުންފުނީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި މަހުގެ ތެރޭގައި އެރަށް އެސްޓީއޯއަށް ލިބިފައިވާ އިރު، އެ ރިޕޯޓުގައި ބުނެފައިވަނީ، އެ މަޝްރޫޢު ނިމޭނެ ކަމަށް ބެލެވެނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.
ނ. އެކުޅިވަރުގައި ތަރައްގީ ކުރަމުން ދިޔައީ، އެމްޓީޑީސީއާ ރިޓްޒް ކާލްޓަން ހޮޓެލްސް ހިއްސާވާ ގޮތަށް އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އީއެންއޭ ހޮޓެލް ހޯލްޑިންގް ކޮމްޕެނީއިންނެވެ.
އެ ކުޅިވަރު ތަރައްގީ ކުރުމުގެ ހުއްދަ ލިބި، ކޮންސްޓްރަކްޝަން ހުއްދަ ވެސް ލިބުނު ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް، އެކި މައްސަލަތަކާއި ސަބަބުތަކާ ހެދި އެއްވެސް މަސައްކަތެއް ނ. އެ ކުޅިވަރުގައި ކޮށްފައެއް ނުވެއެވެ.
ނަމަވެސް، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އީއެންއޭއިން ކުރަމުން ދިޔަ ކަމަށް އެމްޓީޑީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި މަސައްކަތް ކުރުމަށް އިތުރު ޕާޓްނަރެއް ހޯދައި، ރަށް ތަރައްގީ ކުރުމަށް އެމްޓީޑީސީއާ ރިޓްޒް ކާލްޓަންއިން ނިންމިއެވެ.
މިދިޔަ އަހަރު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ އޭރުގެ ޗެއާޕާސަން އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ، ނ. އެކުޅިވަރުގެ އެގްރިމެންޓް ސަރުކާރުން ބާތިލުކުރި ނަމަވެސް، އެކަން ކުރިޔަށް ދިޔައީ މާލީ ގެއްލުމެއް ނުލިބޭނެ ގޮތަށް ކަމަށެވެ.
ސަރުކާރުން ދާދި ފަހުން ވަނީ، އެމްޓީޑީސީއާއި ތްރީކޭ އިންޓަނޭޝަނަލުން ގުޅިގެން ރިސޯޓެއް ތަރައްގީކުރަމުން ދިޔަ ، ސަރުކާރަށް އެރަށް ވެސް ނަގައިފައެވެ.