އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު ޝަކީބު ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވި ކަމުގެ ތުހުމަތުގައި ޖެންޑާ މިނިސްޓްރީގެ މައްސަލަތައް ބަލާ ސެކްޝަންގެ ސްޕަވައިޒަރަކަށް އުޅުނު ގއ. ދެއްވަދޫ ނަސްރީނުގޭ މުހައްމަދު ރަޝީދުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.

އޭނާ ވެސް މިހާރު ވަނީ އެހެން ސެކްޝަނަކަށް ބަދަލުކޮށްފައެވެ.

ޝަކީބު އާއި ރަޝީދުގެ މައްޗަށް ދައުވާ އިއްވަވަމުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކު އެކުއްޖާ އަށް އަނިޔާކުރި މައްސަލަ ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ހުށަހެޅިކަން އެނގި ހުރެ، އެބާވަތުގެ ކަމެއްގެ ޒިންމާ ނަގަން ޖެހޭ މަގާމެއްގައި ތިބެ އިބްތިހާލްގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އެހާލަތުގައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި އެ ދެ މީހުން އިހުމާލުވެފައިވާ ކަމަށެވެ.

އެ ދައުވާ އަށް ރަޝީދު ވަނީ އިންކާރުކޮށްފައެވެ. އަދި ޝަކީބު ވަނީ ގާނޫނީ ވަކީލަކާއެކު ދައުވާއަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

ޝަކީބު އާއި ރަޝީދުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ޖެންޑާ މިނިސްޓްރީން ކުރި އިންޓާނަލް ތަހުގީގަށްފަހު އެ ދެ މީހުންގެ އިހުމާލެއް އެ މައްސަލައިގައި ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެ ތަހުގީގަށްފަހު ދެ މުވައްޒަފަކާ މެދު ވަނީ ފިޔަވަޅު އަޅައިފައެވެ.