31 Jan 2017, 10:21
ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސްގެ ޚިދުމަތް ދޭ އަމާނާ ތަކާފުލްއިން މިދިޔަ އަހަރު 3.5 މިލިޔަން ރުފިޔާގެ ފައިދާއެއް ވެއްޖެ ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ނިމުނު، އަހަރުގެ ހަތަރުވަނަ ކުއާޓަރު ރިޕޯޓު އާންމުކޮށްފައިވާ އިރު، އަމާނާ ތަކާފުލްއަށް މިދިޔަ ކުއާޓަރުގައި ލިބިފައި ވަނީ 111,190 ރުފިޔާގެ ފައިދާއެކެވެ. އެއީ އެ ކުންފުންޏަށް އެންމެ ކުޑަ ފައިދާއެއް ލިބުނު ކުއާޓަރެވެ.
އަމާނާ ތަކާފުލްގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފައިދާގެ ގޮތުގައި ތިން މިލިޔަން ރުފިޔާ، އަދި ދެވަނަ ކުއާޓަރުގައި 1.1 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.
ނަމަވެސް ތިން ވަނަ ކުއާޓަރުގެ ތެރޭގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކަސްޓަމަރުން ކޮށްފައިވާ ތަކާފުލް ކްލެއިމް ގިނަވެ، އެކުންފުންޏަށް ލިބުނީ އަމާނާ ތަކާފުލްއިން ބުނި ގޮތުގައި އެއީ ލަފާކޮށްފައި އޮތް ކަމެއް ކަމަށާއި، އެ ޑެފިސިޓުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާއަށް އަސަރެއް ނުކުރާނެ ކަމަށެވެ.
ހަތަރުވަނަ ކުއާޓަރުގައި ލިބުނު، ލައްކައެއްހާ ރުފިޔާގެ ފައިދާއާ އެކު، މިދިޔަ އަހަރު އަމާނާ ތަކާފުލްގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 3،587،391 ރުފިޔާ އެވެ.
އަމާނާ ތަކާފުލްއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދެ ފަހަރެއްގެ މަތިން އިންޓަރިމް ޑިވިޑެންޑު ބަހައިފަ އެވެ. އެއީ އޮކްޓޫބަރު މަހާއި ޑިސެމްބަރު މަހުގެ ތެެރޭގަ އެވެ. އެއިން ކޮންމެ ފަހަރު ވެސް އެކުންފުނިން ޑިވިޑެންޑްގެ ގޮތުގައި ބެހީ، ހިއްސާގެ މޫނުމަތީ އަގުގެ ފަސް ޕަސަންޓެވެ.
މިދިޔަ ކުއާޓަރުގެ ތެރޭގައި އަމާނާ ތަކާފުލްއިން ކުރި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަސް ޕަސަންޓު ހިއްސާ ގަތުން ހިމެނެ އެވެ. އެއީ 9،000 ހިއްސާ އެވެ. އަމާނާ ތަކާފުލްއިން އެ ހިއްސާ ގަތީ، އެމްއައިބީގެ އޭރުގެ 85 ޕަސަންޓު ހިއްސާގެ ބެލެނިވެރި ފަރާތް، އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)އިންނެވެ.
އައިސީޑީގެ އަތުން އެމްއައިބީގެ ފަސް ޕަސަންޓު ހިއްސާ ގަތުމާ އެކު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޖުމްލަ ތިން ހިއްސާދާރުން ތިބޭނެ އެވެ.
އެއީ:
އައިސީޑީ (80 ޕަސަންޓު ހިއްސާ)
- ދިވެހި ސަރުކާރު (15 ޕަސަންޓު ހިއްސާ)
- އަމާނާ ތަކާފުލް ޕލކ (ފަސް ޕަސަންޓު ހިއްސާ)
ސްރީލަންކާގެ އަމާނާ ތަކާފުލް ޕލކއިން ރާއްޖޭގައި ކުންފުންޏެއް ހިންގަން ފެށީ 2003 ވަނަ އަހަރެވެ. އަދި އެއަށް ފަހު އެކުންފުނި ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ.
އަމާނާ ތަކާފުލްއަކީ އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލްގެ ޚިދުމަތް ރާއްޖޭގައި ދޭންފެށި ފުރަތަމަ ކުންފުންޏެވެ.