ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް 4" ގެ ކާސްޓާ އެކު ބޮލީވުޑްގެ ބަތަލާ ތާބޫ ވެސް މަސައްކަތް ކުރަން ފަށައިފި އެވެ.

ތާބޫ އަކީ އާންމުކޮށް ސީރިއަސް ރޯލުތަކުން ފެންނަ ފަންނާނެކެވެ. 2000 ވަނަ އަހަރު ނުކުތް ފިލްމު 'ހޭރާ ޕޭރީ' އަށް ފަހު ކޮމެޑީ ފިލްމެއްގައި ތާބޫ މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ތާބޫ ބުނީ ފިލްމުގެ ހުށަހެޅުން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

"ފިލްމަށް ހުށަހެޅުން ލިބުމުން ހައިރާނެއް ނުވޭ. އަހަންނަށް ވަރަށް ކަމުދޭ ގޯލްމާލްގެ ހުރިހާ ފިލްމެއް ވެސް އަދި ވަރަށް ބޮޑަށް އުފާވި ފިލްމަށް ހުށަހެޅުން ލިބުމުން،" ތާބޫ ބުންޏެވެ.

ތާބޫ ސަމާސާ ރޯލުތަކުން ނުފެންނާތީ، ގޯލްމާލްގައި މަސައްކަތް ކުރަން އުނދަގޫ ވެދާނެތޯ އެހުމުން އޭނާ ބުނީ، އަބަދު މަޖާވެފައި ހުންނަން ނުޖެހޭ ކަމަށާއި، އޭނާއަކީ މަޖާ މީހެއް ކަން ގާތް މީހުންނަށް އެނގޭނެ ކަމަށެވެ.

"އަދި އަހަންނަށް އެންމެ ކަމުދަނީ ވެސް ކޮމެޑީ ފިލްމުތައް،" ތާބޫ ބުންޏެވެ.

ކޮމެޑީ ސީރީޒް ގޯލްމާލްގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2006 ވަނަ އަހަރު އެވެ. އެހެން ފިލްމުތަކާއި އެއްގޮތަށް ކުރިއަށް އޮތް ފިލްމުގެ ވެސް ފިރިހެން ލީޑުން ފެނިގެން ދާނީ އަޖޭ ދޭވްގަން އެވެ. އަދި އަންހެން ލީޑުން ފެނިގެންދާނީ ޕަރިނީތީ ޗޯޕްޅާ އެވެ.