14:30


ކިއުބާގެ ގުއަންޓަނާމޯބޭ ޖަލުގައި ތިބި ކުށްވެރިން ރާއްޖެ ގެނެސް އާއްމުންގެ ތެރެއަށް ދޫކޮށްލުމަށް އެމެރިކާއާއެކު، ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ ކުއްލި މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލައިދީ، އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ގޮވާލައްވައިފި އެވެ.


މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ ނޫސްވެރިންނާ ހިއްސާ ކުރައްވަމުން އެ ކޮމިޓީގެ މުގައްރިރުގެ ނާއިބު، އަދި އިދިކޮޅު ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށާއި، މަޖިލީހަށް ނޭނގި މިފަދަ ކަމެއް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މިއީ ކޮށްގެން ވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ލިބިވަޑައިގެންފައިވާ މައުލޫމާތުތަކުގެ ތެރޭގައި ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ނުކުތާތަކާއި، މިކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ކަމެއްގެ ގޮތުގައި، މިކަމާބެހޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލެއްވުމަށް އެދިވަޑައިގެން ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު، އެޓާނީ ޖެނެރަލް ހުސްނު ސުއޫދަށް ފޮނުއްވާފައިވާ ސިޓީ ހިމެނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ޖަލުގައި ތިބި ކުށްވެރިން ރާއްޖޭގައި ބެއިތިއްބުމަށް ހަމަޖެހިފައި ވަނީ އާއްމުގެ ތެރެއަށް ދޫކޮށްލާފައި ކަމަށާއި، ދިވެހި މުޖުތަމައުގައި މާރާމާރީ އާއި ނުރައްކާތެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓުންގެ ތެރޭގައި ހިމެނޭ ބަޔަކު ރާއްޖެ ގެނައުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވަހީދު އަދި ވިދާޅުވީ، މިފަދަ ކަމެއް ކުރާއިރު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ. އަދި ހާރިޖީ ވަޒީރު ކަމުގައި ހުންނަވައިގެން ޑރ. އަހްމަދު ޝަހީދު މިފަދަ ކަމެއް ކުރައްވައިގެން ނުވާނެ ކަމަށާއި، މިއީ ޑރ. ޝަހީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ރާއްޖެއިން ބޭރުން ލިބިވަޑައިގަންނަވާ އެވޯޑުތަކާއި ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ނުލިބިގެން އެމަނިކުފާނުގެ އަމިއްލަ ބޭނުންފުޅަށް ކުރައްވާ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވަޙީދު އަދި ވިދާޅުވީ، އެ ޖަލުން ގެންނަ މީހުން ބެލެހެއްޓުމަށް ހަރަދުކުރަނީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށެވެ. އަދި މިއީ ގައުމީ ސަލާމަތައް ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި މިކަން ހުއްޓުވުމަށް ފުލުހުންނަށާއި، ސިފައިންނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް އަލީ ވަހީދު ވަނީ ގޮވާލައްވައިފަ އެވެ.


މިކަމާ ގުޅިގެން ސަންއެފްއެމްގެ މެންދުރު 2:30 ގެ ޚަބަރަށް ދެއްވި ލައިވް އިންޓަވިއެއްގައި ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވީ ގުއަންޓަނާމޯބޭ ޖަލުގައި ތިބި ކުށްވެރިންގެ ތެރެއިން ބަޔަކު ރާއްޖެ ގެނައުމާ ބެހޭ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެ މީހުންނަކީ ޓެރަރިސްޓުން ނޫން ކަމަށާއި އެޖަލުގައި ތިބި ޓެރަރިސްޓުން އެގައުމުގެ އެހެން ޖަލަކަށް ބަދަލުކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި އެ ނޫން މީހުން އެހެން ޤައުމުތަކަށް ފޮނުވާލުމަށް ވަރަށް ގިނަ ޤައުމުތަކުން އެއްބަސްވެފައިވާ ޕްރޮގްރާމެއްގައި ރާއްޖެއިން ވެސް ބައިވެރިވާން ނިންމައި، އެމީހުންނަށް ވަގުތީ ހިޔާވަހިކަންދޭން ތާއީދުކޮށްފައިވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.