31 Jan 2017, 10:03
އިނގިރޭސި ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަކީ، ޗެލްސީއަށް ހަމަޖެހިލައިގެން ތިބެވޭނެ ދުވަސްތަކެއް ނޫނެވެ. 8 ޕޮއިންޓުގެ ބޮޑު ތަފާތަކުން ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތް ނަމަވެސް އެޓީމަށް ކުރިއަށް އޮތް ދެ މެޗަކީ، ތާވަލަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ދެ މެޗެވެ.
ޗެލްސީއަށް ކުރިއަށް އޮތީ ލީގުގައި އެންމެ ވަރުގަދަ ހަ ޓީމުގެ ތެރޭން ދެ ޓީމެވެ. އެއީ ލިވަޕޫލް އަދި އާސެނަލްއެވެ. މި ދެމެޗުން މޮޅުވެވިއްޖެ ނަމަ، ޗެލްސީއަށް ލީގުގައި ހަމަޖެހިލެވޭނެއެވެ.
ރާއްޖޭ ގަޑިން މިރޭ މެންދަމު 1:00ގައި، ލިވަޕޫލްގެ އެންފީލްޑްގައި އެޓީމާ ދެކޮޅަށް ޗެލްސީ ނުކުންނާނެއެވެ. އަދި އަންނަ ހޮނިހިރު ދުވަހު ހަވީރު އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ، 47 ޕޮއިންޓާއެކު މިހާރު ތާވަލުގެ ދެވަނައިގައި އޮތް އާސެނަލްއާ ދެކޮޅަށެވެ.
އެހެން ނަމަވެސް، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދެމެޗުން އޭނާގެ ޓީމު މޮޅުވިޔަސް، އަދި އެނޫން ނަތީޖާއެއް ނުކުތަސް މިއީ ސީޒަންގެ ކުރިއަށް އޮތް ބައިގެ ނަތީޖާ ކަނޑައެޅޭނެ މެޗުތަކެއް ނޫނެވެ. މާނައަކީ އެ ދެމެޗުން ޗެލްސީ މޮޅުވި ނަމަވެސް ލީގު ކާމިޔާބުކުރެވޭނޭ ކަމުގެ ޔަގީންކަން އަދި ނުލިބުމެވެ.
"މި ހަފްތާގައި އަހަރެމެން ވާދަކުރާން ޖެހެނީ ވަރުގަދަ ދެ ޓީމާ. އަދި ލިވަޕޫލްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެކަން އަހަންނަށް އެނގޭ. ސަބަބަކީ އެމީހުން އެ ނުކުންނަނީ ޖެހިޖެހިގެން ތިން ބައްޔަށްފަހު،" މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ކޮންޓޭ ބުންޏެވެ.
"ލިވަޕޫލް މެޗަށް އަހަރެމެން ވަރަށް ފަރުވާތެރިވާން ޖެހޭ. ސަބަބަކީ ލިވަޕޫލަކީ، މޮޅު، އަދި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް، ޓައިޓްލްއަށާއި ޗެމްޕިއަންސް ލީގު ޖާގައަކަށް ވާދަކުރާނެ ހަ ޓީމުގެ ތެރޭގައި ހިމެނޭ ޓީމެއް.
"މިއީ އަހަރެމެންނަށް ވަރަށް މުހިއްމު ހަފްތާއެއް. ސަބަބަކީ މި ދެ މެޗަށް ފަހުވެސް ޗެމްޕިއަންޝިޕް ނިމުމާ ހަމައަށް 14 މެޗު ކުޅެން އެބަޖެހޭ.
"މި ސަބަބުތަކަށްޓަކައި، ނަތީޖާ ވަރަށް މުހިއްމު، އެކަމަކު މި ދެމެޗުން ލީގުގެ ނަތީޖާ ކަނޑައެއް ނޭޅޭނެ."

މެޗެއްގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރީން އުފާފާޅުކުރަނީ -- ފޮޓޯ: ގޯލް
މި މެޗުން ލިވަޕޫލް ބަލިވެއްޖެ ނަމަ، ޔާގަން ކްލޮޕްގެ ޓީމަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލުނީކަމަށް ގަބޫލުކުރަންވެސް ކޮންޓޭ ދެކޮޅު ހަދައެވެ. ކޮންޓޭ ބުނީ، "އެހެން ވެއްޖެ ނަމަ، މިހެން ވެއްޖެ ނަމަ" އެއީ އޭނާ ޖަވާބުދޭން ބޭނުންވާ ސުވާލުތަކެއް ނޫން ކަމަށެވެ.
"މި މެޗަށް ފަހުވެސް އަދި 15 ގޭމް ކުޅެން އެބަޖެހޭ. ސީޒަން ނިންމާލުމުގެ ކުރިން އެއީ 45 ޕޮއިންޓް،" ކޮންޓޭ ބުންޏެވެ.
"މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ޗެލްސީއަށް ވެސް އަދި ލިވަޕޫލަށްވެސް ސީޒަން ވަކިގޮތަކަށް ކަނޑައެއް ނޭޅޭނެ."
ލީގު ކަނޑަ ނޭޅުނަސް، ކޮންޓޭގެ ޗެލްސީއަށް މި މެޗުތައް މުހިއްމުވާ އެހެން ސަބަބުތަކެއް އެބަހުއްޓެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗެލްސީ ވަނީ ލިވަޕޫލް އަދި އާސެނަލް އަތުން ވެސް ބަލިވެފައެވެ.
އެމިރޭޓް ސްޓޭޑިއަމްގައި އާސެނަލް އަތުން 3-0 އިން ޗެލްސީ ބަލިވި މެޗަކީ، 13 މޮޅު ހަމަކޮށް އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑާ ހަމަކުރަން ޗެލްސީއަށް ލިބުނު ރަނުގެ ފުރުސަތު ގެއްލުނު މެޗެވެ.

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ -- ފޮޓޯ: ގޯލް
ކުރިން އިޓަލީގެ ޔުވެންޓަސްއާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައިވާ ކޮންޓޭ އޭނާގެ މިހާރުގެ ޓީމާ ގުޅޭގޮތުން ބުނީ، "ހަގީގަތުގަވެސް މިހާރު އަހަރެމެންނަކީ ތަފާތު ޓީމެއް" ކަމަށެވެ. އަދި އޭނާ ޓީމާ ހަވަލުވިއިރާ އަޅައިކިޔާނަމަ މިހާރު އެ ޓީމު ވަރަށް ބޮޑަށް ވަރުދަގަ ކަމަށް ކޮންޓޭ ބުންޏެވެ.
އާސެނަލާއި ލިވަޕޫލާ ދެކޮޅަށް މީގެ ކުރިން ކުޅުނު ދެމެޗަކީ، ޗެލްސީއަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބިގެން ދިޔަ ދެ މެޗު ކަމަށާއި އެކަމަކު މިހާރު ޗެލްސީއަކީ، ބުރަ މަސައްކަތުން އެކުލަވާލެވައިފައިވާ ވަރުގަދަ ޓީމެއް ކަމަށް ކޮންޓޭ ގަބޫލުކުރެއެވެ.
ކޮންޓޭ ބުނީ، "އަހަރެން އަހަރެންގެ ކުޅުންތެރީންނާ މެދު ފަހުރުވެރިވަން،' ކަމަށާއި ޖެހިޖެހިގެން 13 މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި އޮތީ ސަބަބެއް ނެތި ނޫން ކަމަށެވެ. އެހެންކަމުން ލިވަޕޫލް އަދި އާސެނަލް އަތުން ޖެހިޖެހިގެން ދެ ފަހަރު ބަލިވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް ޗެލްސީގެ އިޓަލީ ކޯޗް ބުންޏެވެ.