ލަންޑަން (ޖަނަވަރީ 31) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ވަނުން މަނާކުރުމަށް ގޮވާލާ ޕެޓިޝަންގައި މިލިޔަނަކަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން އިސްނަގައިގެން ކުރިޔަށްގެންދާ މިޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައް އިނގިރޭސިވިލާތުގެ ހުރިހާ ސްޓޭޓްތަކެއްގައި ކުރިޔަށްދިޔަ ނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ މިއީ އެއްވެސް ކަމެއްނޫންކަމަށް ހަދައިފަ އެވެ. މިޕެޓިޝަނާ ބެހޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ތެރީސާމޭ ވިދާޅުވީ ކޮންމެ ބަޔަކު ވެސް އެބަޔަކު ކުރާކަމެއް ކުރާނެ ކަމަށާއި ޓްރަމްޕްގެ ދަތުރުފުޅަށް އިނގިރޭސިވިލާތުން މަރްޙަބާ ކިޔާނެ ކަމުގަ އެވެ.

ޓްރަމްޕް އިނގިރޭސިވިލާތަށް ވަނުން މަނާކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުގެ އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ފަންނާނުންނާއި އެނޫން ވެސް ނަންމަޝްހޫރު ގިނަ ފަރާތްތަކެއް ހިމެނެ އެވެ. މިޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދާ ޓީމުގައި ލަންޑަންގެ މޭޔަރު ސިއްދީގް ޚާން ވެސް އިއްޔެވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އަނެއްކޮޅުން ޔޫރަޕްގެ އިއްތިޙާދުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ނުރައްކާތެރި ބޭފުޅެއް ކަމަށް ސިފަކޮށްފަ އެވެ.

ނަސްލީ އިމްތިޔާޒަށް ތާއީދުކުރައްވައި ޓްރަމްޕް ނެރުއްވަމުން ގެންދަވާ ރިޔާސީ އަމުރުތަކާ ގުޅިގެން ޔޫރަޕްގެ އިއްތިޙާދުން ނެރުނު ބަޔާނުގައި ޓްރަމްޕްގެ އަމަލުތައް ހުރިގޮތުން އޭނާއަކީ ހުޅަނގުގެ ވެލިއުތަކަށް ނުރައްކާތެރި ބޭފުޅެއްކަމަށް ސިފަކޮށްފަ އެވެ.

ޓްރަމްޕް ވަނީ އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރާ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ. އަދި އެމެރިކާގެ އަވަށްޓެރި މެކްސިކޯ އާއި އެމެރިކާއާ ދެމެދު ފާރެއް ރާނައި މެކްސިކޯ އެކަހެރި ކޮށްލުމުގެ އަމުރެއް ވެސް ޓްރަމްޕް ވަނީ ނެރުއްވައިފަ އެވެ.

މިފާރު ބިނާކުރުމަށް ބޭނުންވާ އެތަށް ބިލިޔަން ޑޮލަރެއް ހޯދުމަށް ޓަކައި މެކްސިކޯ އިން އެމެރިކާއަށް އެތެރެކުރާ މުދަލުން އިތުރު ޓެކްސްއެއް ނެގުމަށް ވެސް ޓްރަމްގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. މިމައްސަލައާ ގުޅިގެން މެކްސިކޯގެ ރައްޔިތުން ވަނީ އެމެރިކާގެ އުފެއްދުންތައް ބޮއިކަޓް ކުރުމުގެ ކޭންޕޭނެއް ފަށައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ވިޔާފާރީގެ އެއް މުއާހަދާކަމަށްވާ ޓްރާމްސް ޕެސިފިކް ޕާޓްނަރޝިޕް އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ވެސް ޓްރަމްޕް ވަނީ ނިންމައިފަ އެވެ. (ނޫސްއެޖެންސީތައް)