ވޮޝިންޓަން (ޖެނުއަރީ 31): އެމެރިކާއަށް ރެފިއުޖީން ދިޔުން މަނާ ކުރި ރިޔާސީ އަމުރުގެ ސައްހަކަމާ ބެހޭ ގޮތުން ސުވާލު އުފެއްދި އެކްޓިން އެޓާނީ ޖެނެރަލް މަގާމުން ވަކިކޮށްފި އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެޓާނީ ޖެނެރަލް ކަމަށް އައްޔަން ކޮށްފައިވާ ސެލީ ޔޭޓްސް މަގާމުން ވަކި ކުރީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރު ތަންފީޒު ނުކުރުމަށް ޖަސްޓިސް ޑިޕާޓްމެންޓުގެ ވަކީލުންނަށް އެކަމަނާ އަމުރު ކުރެއްވި ފަހުންނެވެ.

ޔޭޓްސް ވިދާޅުވި ގޮތުގައި ރައީސްގެ އަމުރަކީ ގާނޫނާ ފުށުނާރާ އަމުރެއް ކަަމަށް އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ.

"އަޅުގަނޑު އެކްޓިން އެޓާނީ ޖެނެރަލްގެ މަގާމުގައި ހުރިހާ ހިނދަކު ޖަސްޓިސް ޑިޕާޓްމެންޓުން އެ ރިޔާސީ އަމުރު ދިފާއު ނުކުރާނެ،" ޔޭޓްސް ވިދާޅުވި އެވެ.

އޭގެ ފަހުން، ޔޭޓްސް މަގާމުން ވަކިކުރިކަން އިއުލާން ކުރަމުން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން "އެެމެރިކާގެ ރައްޔިތުން ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އަމުރެއް ތަންފީޒު ކުރަން ދެކޮޅު ހެދުމުން އެކަމަނާ ވަނީ ޖަސްޓިސް ޑިޕާޓްމެންޓަށް ބޭވަފާތެރިވެފަ" އެވެ.

ޔޭޓްސް މަގާމުން ވަކި ކުރުމުން އެކްޓިން އެޓާނީ ޖެނެރަލްގެ މަގާމަށް މިހާރު އައްޔަން ކޮށްފައި ވަނީ ވާޖީނިއާގެ އިރުމަތީ ޑިސްޓްރިކްޓުގެ އެޓާނީ ޑާނާ ބޮއެންޓޭ އެވެ.

ޓްރަމްޕްގެ ސަރުކާރުން އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ނިންމާފައި ވަނީ ހަރުކަށި ހިޔާލުގެ ބޭފުޅެއް ކަމަށްވާ ޖެފް ސެޝަންސް އެވެ. އޭނާ އެމަގާމަށް އައްޔަން ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ރުހުން ބޭނުންވާނެ އެވެ.(ބީބީސީ)