މިދިޔަ އާދިއްތަ ދުވަހު އަންހެން ޑުރައިވަރުން ހިމެނޭގޮތަށް ތައާރަފްކުރި ސައިކަލް ޓެކްސީގެ ހިދުމަތައް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ކުންފުނިތަކުން ބުނެފި އެވެ.

އެހިދުމަތް ފުރަތަމަ ފެށި ސުކޫ ޓެކްސީގެ ޖެނެރަލް މެނޭޖާ މުހައްމަދު އާދަމް ސަން އަށް ވިދާޅުވީ އިއްޔެ ދެ ޑުރައިވަރުން މެދުވެރިކޮށް އެހިދުމަތް ދެމުންދިޔަ އިރު ތަރުހީބް ވަރަަށް ބޮޑު ކަމަށެވެ.

ގިނައިން ޓެކްސީ ހޯދަން ގުޅަނީ ފިރިހެން ފަސިންޖަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެ ޓެކްސީއަށް ވެސް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ދުވަހާ އަޅާބަލާ އިރު ވަރަށް ރަނގަޅު، ކޯލްތަކަށް ބަލާއިރު 200 އަށް ވުރެ ގިނަ ކޯލް އެބަހުރި އައިސް،. ވަރަށް ރަނގަޅު، މީހުންގެ ކޮމެންޓް ވެސް ވަރަށް ރަނގަޅު" އާދަމް ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން 20 ސައިކަލާ އެކު އެ ހިދުމަތްދޭ ސްކޫޓެކްސީ ހިދުމަތް ހޯދަން ގުޅަންޖެހޭނީ 7758080 އަށެވެ.

އިއްޔެ 20 ސައިކަލާ އެކު އެހިދުމަތް ފެށި އަނުއާ ޓެކްސީގެ ވެރިޔާ އިބްރާހިމް ނާޒިމް ސަން އަށް ވިދާޅުވީ ތަރުހީބް ވަރަށް ރަނގަޅު ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުން އަންނަ ކަމަށެވެ.

އަނުއާ ޓެކްސީގެ ހިދުމަތް ހޯދަން ގުޅަންޖެހެނީ 9771717 އަށެވެ.

ސައިކަލް ޓެކްސީތަކުގެ ނަމްބަރު ބޯޑްތައް ރީންދޫ ކުލާގައި ހުންނައިރު ޑުރައިވަރުން ތިބެނީ އޮރެންޗް ޖެކެޓެއް ލައިގެންނެވެ. ދަތުރެއް ކޮށްދޭ އަގަކީ 10 ރުފިޔާއެވެ.