ގިނަ އަހަރު ތަކެއް ވަންދެން ވަކިން ދިރިއުޅުމަށް ފަހު، ބޮލީވުޑުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީ އާއި އޭނާގެ އަންހެނުން ޕްރިޔާލީ ވަރި ވާން ނިންމައިފި އެވެ.

ވިޝާލް އާއި ޕްރިޔާލީ ވަރިވާން ނިންމާފައި ވާއިރު، އެ ދެމީހުންގެ ކައިވެންޏަށް މިހާރު ވަނީ 18 އަހަރު ވެފައެވެ. ދެ މީހުން ވަކިން ދިރިއުޅޭތާ ވެސް ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

އަމިއްލަ ޒާތީ ދިރިއުޅުމާ ގުޅޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ވިޝާލް އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވަކިން އުޅުމަށް ފަހު މިހާރު ދެ މީހުން ވެސް ވަރިވާން ނިންމާފައިވާ ކަމަށެވެ.

"މިއީ އަހަރުމެން ދެމީހުންގެ މަސްލަހަތު އޮތް، އަހަރުމެން ދެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަމަކަށް ވުމުން، އެކަމާ ގުޅޭގޮތުން އިތުރު ވާހަކަ އެއް ދައްކާކަށް ބޭނުމެއް ނޫން. އެކަމަށް އިހުތިރާމު ކުރާނެ ކަމަށް ހީކުރަން،" ވިޝާލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވިޝާލް ބުނީ ވަކިން އުޅެން ފެށި ފަހުން ދެ މީހުންގެ ދެމެދުގައި ވަރަށް ރަނގަޅު އެކުވެރިކަމެއް އުފެދިފައިވާ ކަމަށެވެ. އަދި ދެ ފަރާތުގެ އާއިލާ އަކީވެސް ވަރަށް ގާތް ބައެއް ކަމަށާއި، ވަރިވި ނަމަވެސް އެކުވެރިކަން އަބަދު ވެސް އޮންނާނެ ކަމަށެވެ.

ވިޝާލް އަދި ޕްރިޔާލީގެ ވަރީގެ ހަބަރު ވެގެން ގޮސްފައި ވަނީ ފިލްމީ ދާއިރާ ގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔަ ހަބަރަކަށެވެ.