ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް ހިމެނޭ ގޮތަށް ޅ. އަތޮޅުގައި ތަރައްގީ ކުރި ހުރަވަޅި އައިލެންޑް ރިސޯޓް ހުޅުވައިފި އެވެ. ފަސް ތަރީގެ އެ ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރިސޯޓް ހުޅުއްވައި ދެއްވީ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ހިއްސާ އޮންނަ ޗަމްޕާލާސް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްގީ ކޮށްފައިވާ ހުރަވަޅި ރިސޯޓް ވަނީ މިދިޔަ ޑިސެމްބަރުން ފެށިގެން ފަތުރުވެރި ކަމަށް ހުޅުވާލާފައެވެ.

ސީޕްލޭންގައި މާލޭން ފުރައިގެން 40 މިނެޓުން ދެވޭ އެ ރިސޯޓުގައި 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާއާއެކު 90 ރޫމް ހިމެނޭއިރު، ކޮންމެ ކޮޓަރިއެއް ވެސް ބައްޓަންކޮށްފައި ވަނީ އިރު އަރާ ނުވަތަ އިރުއޮއްސޭ މަންޒަރު ފެންނަ ގޮތަށެވެ.

ކަނޑުއަޑީގެ ރެސްޓޯރަންޓުގައި ރައީސް ޔާމިންގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިން ފަރިއްކޮޅަކަށް އިންސާފު ކުރައްވަން ތައްޔާރުވަނީ-- ފޮޓޯ/ ރައީސް އޮފީސް

ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ހަދާފައިވާ އެ ރިސޯޓުގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ބައެއް ނަގަނީ ރިސޯޓުގެ ބައެއް އިމާރާތްތަކާއި ރަށަށް އަރާ ފޭބުމަށް އޮންނަ ޖެޓީގައި ހަރުކޮށްފައިވާ ސޯލާ ޕެޓަލްތަކުންނެވެ. އެ ޕެނަލްތަކުން 930 ކިލޯ ވޮޓްގެ ކަރަންޓު އުފެއްދެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ހުރަވަޅި ރިސޯޓްގައި ތަރައްގީ ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް "5.8 އަންޑަސީ" ހުޅުއްވައިދެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

ހުރަވަޅި ރިސޯޓުގެ ބީޗް ވިލާ ރޫމެއް: ސީޕްލޭންގައި މާލޭން ފުރައިގެން 40 މިނެޓުން ދެވޭ އެ ރިސޯޓުގައި 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާއާއެކު 90 ރޫމް ހިމެނޭ --- ފޮޓޯ/ ހުރަވަޅި

ކޮންރެޑް މޯލްޑިވްސްގައި ހެދި ރާއްޖޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓް، "އިތާ" ރެސްޓޯރެންޓް ފަރުމާ ކުރި ކުންފުނިން ހުރަވަޅީގައި ތަރައްގީ ކުރި ކަނޑުއަޑީގެ ރެސްޓޯރެންޓުގައި އެއް ފަހަރާ ގާތްގަނޑަކަށް 24 މީހުންނަށް ކެއުމަށް އިންސާފުކުރެވެ އެވެ.

ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ވަށައިގެން ބިއްލޫރި ޖަހައިގެން ނިއުޒިލޭންޑުގެ ކުންފުންޏަކުން ފަރުމާ ކޮށްފައިވާ އެ ރެސްޓޯރެންޓަކީ 5.8 މީޓަރު އަޑީގައި ހަދާފައިވާ ރެސްޓޯރެންޓެކެވެ.

ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ރައީސް ޔާމީންގެ އަނބިކަނބަލުން ހުޅުވައި ދެއްވަނީ-- ފޮޓޯ/ ރައީސް އޮފީސް