25 Jun 2011, 17:20
ޑީއާރްޕީގެ އާންމު މެންބަރުން ބޭނުންވާ ގޮތަށް ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކުއްލި ގައުމީ ޖަލްސާއެއް ބޭއްވުމަށް ޑީއާރްޕީއަށް ޒެޑް ފެކްޝަނުން ގޮވާލައިފި އެވެ.
ޒެޑް ޑީއާރްޕީން މިއަދު ވީ ޓީވީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު މިއަދު ވިދާޅުވީ ޑީއާރްޕީގެ އާންމު މެންބަރުންގެ ފިކުރުތަކަށް ތަބާނުވެ، ޑީއާރްޕީ ކުރި ނާރާ ގޮތަށް ޕާޓީ ހިފަހައްޓަނީ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުން މިއަދު ބޭނުންވަނީ ކުއްލި ގައުމީ ޖަލްސާއެއް ބޭއްވުމަށް ކަމަށާއި މެންބަރުން ބޭނުންވާ ގޮތަށް ގައުމީ ޖަލްސާއެއް ބޭއްވުމަށް ޑީއާރްޕީގެ ލީޑާޝިޕަށް އުމަރު މިއަދު ގޮވާލެއްވި އެވެ.
"ޕާޓީ ބައިބައި ކުރުމަށް ޒައީމް މައުމޫން މަސައްކަތްޕުޅު ކުރައްވާ ކަމަށް ތަސްމީން ވިދާޅުވާ ވިދާޅުވުމަށް އަޅުގަނޑު ދަންނަވާނީ ޕާޓީ ކުރިއަރައިގެން ދިޔަ ނުދީ ހިފަހައްޓަވަނީ އަހުމަދު ތަސްމީން އަލީއޭ. [އަޅުގަނޑު ދަންނަވާނީ] ޕާޓީގެ އާންމު މެންބަރުންގެ އިހްސާސްތަކާއި ވިންދުތަކަށް ޖާގަދެއްވާށޭ. ހަމަމިހާރުން މިހާރަށް ޕާޓީގެ ކުއްލި ގައުމީ ޖަލްސާއަށް ޖަލްސާއަށް ޖާގަދެއްވާށޭ،" އަމަރު ވިދާޅުވި އެވެ.
ކައުންސިލަރުންތަކެއް އިސްނަންގަވައިގެން ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ޒައީމް މައުމޫނާއި ތަސްމީންގެ ބޭފުޅުންނާ އެކު ބާއްވާ ސުލްހައިގެ ވާހަކަތަކާ ބެހޭ ގޮތުން އުމަރު ވިދާޅުވީ ސުލްގައިގެ ވާހަކަތަކުގައި ވެސް ގައުމީ ޖަލްސާއެއް ބޭއްވުމަށް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.
ސުލްހައިގެ ވާހަކަކުގައި ޒައީމް މައުމޫނާއި އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުންގެ އިހްލާސްތެރިކަމެއް ނުގެންގުޅުއްވާ ކަމަށް ރޭގެ ޖަލްސާގައި ތަސްމީން ވިދާޅުވެފައިވާ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ ސުލްގައިގެ ވާހަކަތަކުގައި ޒެޑް ފެކްޝަނުން ހަރަކާތްތެރިވަމުން ދަނީ އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތާނުގައި ވެސް ސުލްހައިގެ ވާހަކަތަކަށް ބުރޫއަރާނެ ގޮތަކަށް އަމަލްނުކޮށް މަސައްކަތް ކުރާނީ އިހްލާސްތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަކީ "އަޅާ ކިޔޭނެ" ދެ ބޭފުޅުންނެއް ނޫން ކަމަށެވެ. މައުމޫނަކީ ޑީއާރްޕީގެ އާންމު މެންބަރުންގެ 98 ޕަސެންޓް ތާއިދު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ ތަސްމީނަށް ޑީއާރްޕީގައި އެންމެ ޕަސެންޓެއްގެ ތާއިދެއް ވެސް ނެތް ކަމަށެވެ. އަދި އެކަން އެނގިގެންދަނީ ރޭ ޑީއާރްޕީ އާއި ގައުމީ ޕާޓީން ބޭއްވި ޖަލްސާ އިން ކަމަށާއި އެ ޖަލްސާ އަށް ދިޔަ މީހުންގެ އަދަދު 300 އަށް ވެސް ނާރާ ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން ގައުމު ސިއްސައިގެން ދާނެ ވާހަކަފުޅުތަކެއް ރޭގެ ޖަލްސާއިން އިވިގެންދާނެ ކަމަށް ބުނެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިތުރުފުޅު ހައްދަވައިގެން ވެސް އެ ޖަލްސާއަށް ހާޒިރުވީ މަދު ބަޔަކު ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޑީއާރްޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ އަބްދުﷲ ޝާހިދާއި ތަސްމީނަށް ޖީއެއްމާރުން ދެއްވި ކަމަށް ތުހުމަތު ކުރާ ޓިކެޓާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ރިޕޯޓް ނެރެފައި ވަނީ ބައެއް މައުލޫމާތުތައް ނުހޯދައި ކަމަށެވެ. އެ ގޮތުން ޝާހިދު އާއި ތަސްމީނުގެ ނަމުގައި ޓިކެޓް ނެގި ކުންފުނިން އޭސީސީ އަށް މައުލޫމާތު ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ތަސްމީނާއި އަބްދުﷲ ޝާހިދުގެ މައްޗަށް ކުރާ ތުހުމަތު "ހަގީގަތުގައި ސިއްރު" ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޝާހިދާއި ތަސްމީންގެ މައްޗަށް ޒެޑް ފެކްޝަނުން ކުރާ "ތުހުމަތު އޮތީ ކުރިއަށް" ކަމަށް އިލްހާމް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އުމަރު ވިދާޅުވީ ޕާޓީގެ ކުއްލި ގައުމީ ޖަލްސާއެއް ބޭއްވުމަށް ގޮވާލައި އަތޮޅުތެރޭގެ 51 ރަށެއްގެ ޑީއާރްޕީގެ ގޮފިން ގަރާރުތަކެއް ނެރެފައިވާ ކަމަށެވެ. އެ ގޮތުން އޭނާ އެ ރަށްތައް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖޭތެރޭގެ އަތޮޅުތަކުގެ ރަށްތަކުން ވެސް ގައުމީ ޖަލްސާ ބޭއްވުމަށް ގަރާރު ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.