30 Jan 2017, 19:44
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އުނގެނުން އިތުރަށް ތަނަވަސް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދިނުމަށް ދުނިޔޭގެ އެންމެ ބޮޑު ތައުލީމާއި ޓެކްނޮލޮޖީ މައުރަޒަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ޒިޔާރަތްކުރައްވައިފި އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ލަންޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެކްސެލް ލަންޑަނުގައި ބޭއްވި "ބެޓް" މައުރަޒުގައި ބައިވެރިވި 240 އަށްވުރެ ގިނަ އެގްޒިބިޓަރުންގެ ތެރެއިން ރާއްޖޭގެ ތައުލީމީ ނިޒާމާއި ގުޅުން ހުރި ސްޓޭންޑުތަކަށް މިނިސްޓަރު ޒިޔާރަތްކޮށް، މައުލޫމާތު ހޯއްދަވާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެކްސެލް ލަންޑަނުގައި ބޭއްވި "ބެޓް" މައުރަޒަށް ޒިޔާރަތްކުރެއްވުން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
އެގޮތުން މައިކްރޯސޮފްޓާއި ގޫގުލް އާއި ސްޓެމް ކޯޑިން އަށް ހާއްސަކުރެވިފައިވާ ސްޓޯލްތަކުގެ އިތުރުން ޖީސީއެސްގެ ކަރިކިއުލަމަށް ހާއްސަކުރެވިފައިވާ ސްޓޯލްތަކަށާއި ވޮކޭޝަނަލް އެޑިއުކޭޝަނާއި ހާއްސަ އެހީ އަދި އިންކްލޫޝަން އަށް ހާއްސަކުރެވިފައިވާ ބައެއް ސްޓޭންޑުތަކަށް ވެސް މިނިސްޓަރު ޒިޔާރަތްކުރެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިނިސްޓަރުގެ އެ ޒިޔާރަތުގެ ބޭނުމަކީ ދުނިޔޭގައި އެހެން ގައުމުތަކުގައި ވެސް އުނގެނުން އިތުރަށް ތަނަވަސް ކުރުމަށް ބޭނުން ކުރަމުންގެންދާ ވަސީލަތްތަކާ ބެހޭ މައުލޫމާތު ހޯދައި އެ ވަސީލަތްތައް ރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދެއްވުމަށް މަސައްކަތްކުރުމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެކްސެލް ލަންޑަނުގައި ބޭއްވި "ބެޓް" މައުރަޒަށް ޒިޔާރަތްކުރެއްވުން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
އޭގެ އިތުރުން ޓެކްނޮލޮޖީގެ އާ ވަސީލަތްތައް ބޭނުންކޮށްގެން މިހާރު ވެސް ރާއްޖޭގެ ސްކޫލްތައް ގުޅުވާލެވިފައިވާ "ވާޗުއަލް ބްރިޖް"ގެ ތެރެއިން ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނަށް އުނގެނުމާއި އުނގަންނައި ދިނުމުގެ އާ ފަސޭހަތައް ހޯދައި ދިނުން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފޮރިން ރިލޭޝަންސް ހެޑް އާމިނަތު ނަމްޒާ ވިދާޅުވީ، މިނިސްޓަރު ޒިޔާރަތް ކުރި ބައެއް އެގްޒިބިޝަންގެ ތެރެއިން ފާހަގަކުރެވުނު ބައެއް ކުންފުނިތަކާއި އިންސްޓިޓިއުޓްތަކާ ގުޅިގެން މަސައްކަތް ކުރުމަށް މިހާރު ވެސް ވާހަކަ ދެކެވެމުންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެކްސެލް ލަންޑަނުގައި ބޭއްވި "ބެޓް" މައުރަޒަށް ޒިޔާރަތްކުރެއްވުން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
އަދި ވިދާޅުވީ، އެ މަޝްވަރާތަކާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރުމަށް އެ ވަސީލަތްތަކަކީ އެންމެ އެކަށޭނެ ވަސީލަތްތޯ ބެލުމަށް ޕައިލެޓް ޕްރޮޑަކްޓްތައް ފެށިގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.