ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޓީޗަރުންނަށް ތަމްރީނު ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމުގައި ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނު ކުރުމުގެ ދެ ޕްރޮގްރާމަކާއި، ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލައިފް ސްކިލްސްއާ ބެހޭ ގޮތުން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުވެފައި ނެތް ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ފުރަތަމަ ބުރު މިމަހުގެ 19 އިން 27 އަށް ކުރިއަށް ގެންގޮސްފައިވާ އިރު، މާލެ އާއި އަތޮޅުތެރެއިން 22 ޓީޗަރަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދެ ވަނަ ބުރު މިމަހުގެ 23 އިން އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ބުރުގައި މާލެ އާއި އަތޮޅުތެރޭގެ 18 ޓީޗަރުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ބޭގޭ މައުލޫމާތު ދިނުމަށް މި މަހުގެ 28 އިން މިއަދުގެ ނިޔަލަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ ޕްރޮޮގްރާމުގައި، ހުވަދު އަތޮޅާއި، ހައްދުންމަތި އަދި ދ. އަތޮޅުން 23 ޕްރިންސިޕަލަކު ބައިވެރިވެ އެވެ.

އެ މިނިސްޓްރީން ބުނީ ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނު ކުރަނީ ދަރިވަރުންނަށް ބޭނުންވާ ތައުލީމުގެ އިތުރުން ދިރިއުޅުމުގައި ބޭނުން ކުރެވިދާނެ މުހިއްމު ހުނަރުތައް ޓީޗަރުން މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައިދީ ދަރިވަރުންނަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމަށް ކަމަށެވެ.

އެ މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމުމުގެ ކުރިން ލައިފް ސްކިލް ފެސިލިޓޭޓަރުން ތަމްރީނު ކުރުމުގެ އިތުރު ހަތަރު ޕްރޮގްރާމެއްގެ އިތުރުން ލައިފް ސްކިލްސް ޕްރިންސިޕަލް އޮރިއެންޓޭޝަން ޕްރޮގްރާމުގެ ހަތަރު ޕްރޮގްރާމް ކުރިއަށް ގެންދިއުން ކަމަށެވެ.

ލައިފް ސްކިލްސް ޕްރޮގްރާމްގައި ދަރިވަރުންނަށް އުނގަންނައި ދޭ ބައިތަކުގެ ތެރޭގައި ކަންކަމުގައި ގޮތް ނިންމުމާއި، މައްސަލަ ހައްލުކުރުމާއި، މުއާމަލާތްކުރުމުގެ ހުނަރާއި، އުފެއްދުންތެރި ވިސްނުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުން އަދި އަމިއްލަ އިހްސާސްތައް ދެނެގަންނަން އެނގުން ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 624 ޓީޗަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ.