އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަކީ، މިވަގުތު އެޓީމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އެނބުރި އެޓީމުގެ ފެންވަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ލިވަޕޫލްގެ ކުރީގެ ފޯވާޑް އިއާން ރަޝް ބުނެފިއެވެ.

ސީޒަންގެ ކުރީކޮޅުގައި ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލް، މި ޖެނުއަރީ ފެށިގެން މިހާތަނަށް އައިއިރު ވަނީ އެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެ އުނދަގޫ ހާލަތަކަށް ވެއްޓިފައެވެ. އެގޮތުން ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ކުޅުނު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ މެޗުން ވުލްވަހެމްޓަން ވޮންޑަރާސް އަތުން 2-1 އިން ބަލިވެ އެ މުބާރާތުން ވެސް ލިވަޕޫލް ވަނީ ކަޓައިފައެވެ.

މި އަހަރު ފެށުނު ފަހުން، ލިވަޕޫލް އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރޭން އެޓީމަށް މޮޅުވެވިފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ، އެފްއޭ ކަޕް ތިންވަނަ ބުރުގައި ޕްލިމައުތު އާގައިލްއާ ދެކޮޅަށް ކުޅުނު މެޗެވެ. އަދި އެންމެ ފަހުން ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ހަތަރު މެޗުވެސް އެޓީމަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އަންގާރަ ދުވަހު، ލިވަޕޫލްގެ އެންފީލްޑްގައި އެޓީމުން ޗެލްސީއަށް މަރުހަބާކިޔަން ތައްޔާރުވަމުން ދާއިރު، މި ސީޒަން ފެށިގެން އައިއިރު، ލިވަޕޫލަކީ މިފަހަރުގެ ލީގު ކާމިޔާބުކުރާނޭ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ކްލަބެވެ. ނަމަވެސް، މިހާރު އެޓީމާ، ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު 10 ޕޮއިންޓުގެ ތަފާތުބޮޑު ފަރަގެއް އެބައޮތެވެ.

"އެންމެ ފަހުން ކުޅުނު ތިން މެޗު ވެގެން މި ދިޔައީ ވަރަށް ހިތްދަތި ތިން މެޗަށް. ސަބަބަކީ އަހަރެމެން އެބައެއްގެ އަތުން ބަލިވި ޓީމުތައް،" އާރްޓީއީއަށް ދިން އިންޓަވިއުއެއްގައި ރަޝް ބުންޏެވެ.

"އެކަމަކު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ، އެނބުރި ހަމައަކަށް އެޅެން އަހަރެމެންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް."

ރަޝް ބުނީ، ސީޒަން ފެށުނު އިރު، މި ސީޒަންގައި ގަދަ ހަތަރެއްގައި ލިވަޕޫލް ހިމެނި، ޓްރޮފީއަކާއެކު ނިންމާ ލެވިއްޖެ ނަމަ، މިއީ ކާމިޔާބު ސީޒަނަކަށް ވާނޭކަމަށް ބުނެފައި ވާނެ ކަމަށާއި އެހެން ނަމަވެސް، މިހާރު ގަދަ ހަތަރެއްގައި އޮތުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ކަމަށެވެ.

މިހާރު އުމުރުން 55 އަހަރުގެ އިއާން ރަޝް ވަނީ، ލިވަޕޫލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ، ލިވަޕޫލާއެކު ފުރަތަމަ ޑިވިޝަންގެ ޓައިޓަލް ފަސް ފަހަރު، ޔޫރަޕިއަން ކަޕް ދެފަހަރު އަދި އިނގިރޭސި އެފްއޭ ކަޕް ތިން ފަހަރު އުފުލާލައިފައެވެ.

ޗެލްސީއަށް މިފަހަރު ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ނަމަވެސް، ކުރިއަށް އޮތް މެޗުގައި ލިވަޕޫލަށް ޗެލްސީ ބަލިކުރެވިއްޖެ ނަމަ، ލީގުގައި އިތުރަށް ފޯރި ގަދަވެގެން ދާނޭ ކަމަށް ރަޝް ބުންޏެވެ.

"ލީގުގެ ފޭވަރިޓުންގެ ގޮތުގައި ޗެލްސީ އޮތީ ވަރަށް ވަރުގަދަކޮށް، އެހެން ނަމަވެސް އަހަރެމެންގެ އަމާޒަކަށް ވާން ޖެހޭނީ ގަދަ ހަތަރެއްގައި އޮތުން،" ޗެލްސީ އަތުން މޮޅުވެވިއްޖެ ނަމަ، ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އިތުރަށް ހުޅުވިގެން ދާނޭކަން ފާހަގަކުރަމުން ރަޝް ބުންޏެވެ.