30 Jan 2017, 18:26
އދގެ ވޯކިންގް ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާ ކޮންމެ ނިންމުމަކަށް އަމަލު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެެވެ.
ޕީޕީއެމްއާ ގިނަ ކައުންސިލަރުންތަކެއް ގުޅިވަޑައިގަތުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އދ. ގެ ވޯކިން ގްރޫޕުން ނިންމާ ކޮންމެ ނިންމުމަކަށް "އަތްތިލަ ބަޑި" އެއް ނުޖެހޭނެ ކަމަށެވެ.
"މިނިވަންކަމާ އެކު ހުރިހާ ދީނަކަށް އުޅުމުގެ ޖާގަ އެބަލިބޭ އދ ގެ ޗާޓަރުން. މި ދިވެހިރާއްޖޭގައި ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑުމެން އިސްލާމީ ހިދާޔަތުގައި ތިބޭ އިރު، ހުރިހާ ދީނަކަށް އުޅުމުގެ ޖާގައެއް ނުދޭނެ. އެހެން ނަމަވެސް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާފަ ވޯކިން ގްރޫޕަކުން ނިންމަފާނެ ކަންނޭންގެ ދިވެހި ރާއްޖޭގައި އިންސާނީ ހައްގެއް ނެތް ކަމަށް. ދެން އެވީ އަޅުގަނޑުމެން އަތްތިލަބަޑި ތަޅަންތޯ. ނޫން އެއަކަށް އަޅުގަނޑުމެން އަތްތިލަ ބަޑިއެއް ނުޖަހާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުމާ ބެހުމުގެ ޖާގައެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ކޯޓުން ނިންމާ ކަމެއް ނިންމުމުން ހުރިހާ ދިވެހި ރައްޔިތުން ކިޔަމަންތެރިވެ ބޯލަނބަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އަޅުގަނޑުމެންނަށް ލާޒިމް ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ ދިވެހި ހުރިހާ ރައްޔިތުން އެއަށް ކިޔަމަންތެރިވެ ބޯލަނބާ އެއަށް އަމަލު ކުރުން ލާޒިމް ކަމެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މުޖުތަމައުގައި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމާއެކު އުޅެވޭނެ ގޮތަކީ އެކަން ކަމަށް ކިޔަމަންތެރިވެ ބޯލެނބުންކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން ކުރާ ކަންކަން ކުރަނީ ހައްގުތައް ގެއްލޭ މީހުންގެ ހައްގު ހޯދައި ދިނުމަށް ކަމަށާއި، ސަރުކާރުގެ ވިސްނުމުގައި މީހުން ހިފައި ހައްޔަރު ކުރުމެއް ނެތް ކަމަށެވެ.
"ރައްޔިތުންގެ މަސްލަހަތަށް ލޯބި ކުރުމަކީ ގާނޫނު ތަންފީޒު ކުރުން ކަމުގައި ވާތީ އެކަމަށް އޮންނަ މަގުން ޝަރީއަތާ ކޯޓުތަކުގެ ތެރެއިން ހިނގާފަ އެކަމަށް އޮންނަ ފިޔަވަޅެއް އެޅެނީ ކޯޓުތަކުގެ ތެރެއިން. މީހަކު ބަންދުކުރިޔަސް، މުޒާހަރާ ކޮށްގެން މީހަކު ނަގަން ޖެހުނަސް އެކަމެއް ކުރަނީކީ ރައީސް އޮފީހުން އަންގާ އެންގުމެއްގެ މަތިންނެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޝަރީއަތުން ނިންމާ ކަންކަމަށް ޖަވާބުދާރީ ވަނީ ޝަރީއަތުން ކަމަށެވެ. އަދި ޝަރީއަތުން ޖަވާބުދާރީ ވުމަކީ ތިން މަރުހަލާއިން އެކަންކަން ނިންމައިދިނުން ކަމަށެވެ.
"ޝަރީއަތުން ޖަވާބުދާރީ ވުމަކީ ތިން މަރުހަލާއިން އެކަންކަން ނިންމައިދިނުން. އޭގެ އިތުރަށް ޖަވާބު ދާރީ ވުމެއް ޝަރީއަތަކަށް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.