ނިމިދިޔަ އަހަރު ދިރާގުގެ ހިއްސާއަކަށް 11.05 ރުފިޔާ ޖެހިފައިވާކަމަށް އެކުންފުނީގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.

ދިރާގުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކުންފުއްޏަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2015 ވަނަ އަހަރާއި އަޅައިބަލާއިރު 10 ޕަސެންޓް ނުވަތަ 226 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ސާފު ފައިދާ 840 މިލިއަން ރުފިޔާއަށް އަރާއިރު އެއީ 2015 ވަނަ އަހަރަށްވުރެ 16 ޕަސެންޓް އިތުރު އަދަދެކެވެ.

ފަހު ކުއާޓާގެ ތަފާސް ހިސާބަށް ބަލާއިރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ. އެ ކުއާޓާގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހުނީ 2.47 ރުފިޔާއެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 11.5 ރުފިޔާޖެހިފައިވާއިރު އެއީ 15 ޕަސެންޓްގެ ކުރިއެރުމެކެވެ.

ސަންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް ވިދާޅުވީ، އެކުންފުއްޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދަނީ ބްރޯޑްބޭންޑް އިންޓަނެޓުން ކަމަށެވެ.

ދިރާގުގެ ހިދުމަތްތައް ފުޅާ ކުރުމަށް ކުރިއަށްއޮތްތަނުގައިވެސް އިންވެސްޓްތައް ކުރާނެ ކަމަށް ރޮބިން ވިދާޅުވިއެވެ.

ދިރާގުން މިދިޔަ އަހަރު ވަނީ އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ވަނީ ފުޅާކޮށްފައެވެ. ޑީޑޮސް އެޓޭކްތަކުގެ ސަބަބުން އިންޓަނެޓް ހިދުމަތަށް ބުރޫއެރުން ހުއްޓުވުމަށްވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ.