ރައްޔިތުންގެ މަޖިލީހުގެ ފެށޭ އާ ދައުރުގެ ތެރޭގައި ހެއްކާ ބެހޭ އާ ބިލެއް އެކުލަވާލައި އޭގެ ޑްރާފްޓް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ދިވެހި ޝަރުއީ ނިޒާމުގެ ތެރެއިން ކޮށްފައިވާ ހުކުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ނެރުނު ރިޕޯޓާ ގުޅިގެން ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު، މުހައްމަދު އަނިލް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމު އެންމެ ވަރުގަދައަށް "ފައްކާ" ނުވާ ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއެއް އުފެދިގެން އައި އިރު އޭގައި ބައިވަރު މައްސަލަ ހުރި ކަމަށާއި އެ މައްސަލަތައް ހައްލު ކުރުމަށް ޖެހިގެން އައި ފަސް އަހަރު ދުވަސްތެރޭގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުގެ ތިން އަހަރު ދުވަސްތެރޭގައި، ގާނޫނު އަސާސީގައި ހުރި އެފަދަ ކަންކަން ހައްލުކޮށް ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށް އެ ކަންކަން ހައްލުކޮށްފައިވާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ޝަރުއީ ދާއިރާ ރަނގަޅު ކުރުމަށް ފެށި މަސައްކަތުގެ ދަށުން އާ ގާނޫނުލް އުގޫބާތެއް ފާސްކޮށް އަމަލުކުރަން ފަށާފައިވާ ކަމަށާއި ދުނިޔެ ބަލައިގަންނަ އުސޫލުތަކަކަށް ހެދިފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ފާސްކޮށްފައިވާ ކަން ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު މިފެށޭ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ތެރޭގައި އަޅުގަނޑުމެން ހެއްކާ ބެހޭ އާ ބިލެއް އެބަ ހުށަހަޅަން. އެއީވެސް މިކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް،" އަނިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ހުރި ކަމަށްޓަކައި، ޝަރުއީ ޙުކުމެއް އައިސްފައިވާ ފަރާތެއް މިނިވަން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުހައްމަދު ނާޒިމް ނުވަތަ މުހައްމަދު ނާޒިމް ދޫކުރަން ޖެހޭ ކަމަށް ވަންޏާ ޖަލުގަ އެއްވެސް މީހަކު ހުރެގެން ނުވާނެ. ރާއްޖޭގަ ޝަރީއަތެއް ކުރެވިގެން ނުވާނެ. މީހަކު ހައްޔަރުކުރެވިގެން ނުވާނެ،" އޭޖީ ވިދާޅުވި އެވެ.