30 Jan 2017, 18:43
އަންނަ ފެބްރުއަރީ މަހު އޮންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2017 އަށް ޓެލެކޮމިއުނިކޭޝަން ޕާޓްނަރު އަދި ސެކިއުރިޓީ ޕާޓްނަރުން ހަމަޖައްސައި، އެފަރާތްތަކާ އެކު ސޮއިކޮށްފި އެވެ.
މޯލްޑިވްސް ލިވިންގް އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 16 އިން 18 އަށް، ނޭޝަނަލް އާޓު ގެލެރީގައެވެ.
މި މައުރަޒުގެ ޓެލެކޮމިއުނިކޭޝަންސް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އުރީދޫ މޯލްޑިވްސް އެވެ. މިއަދު އުރީދޫ އޮފީހުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މައުރަޒު އިންތިޒާމުކުރާ ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރު މުހައްމަދު ޝާމިން، އަދި އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.

ހައިރައިޒްގެ ލިވިންގް އެކްސްޕޯގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެއްސުން -- ސަން ފޮޓޯ
އުރީދޫ މޯލްޑިވްސްގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ލިވިންގް އެކްސްޕޯގެ ޓެލެކޮމް ޕާޓްނަރުގެ ހައިސިއްޔަތުން، އެކްސްޕޯގެ ބައިވެރިންނަށް އުރީދޫއިން އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށާއި، އޭގެ އިތުރުން އުރީދޫގެ ސްމާޓް ހޯމް ޚިދުމަތްތައް ވެސް ބައިވެރިންނަށް ފެނިގެން ދާނެ ކަމަށެވެ.
"އެއީ ލިވިންގް އެކްސްޕޯއަކަށް ވާ އިރު، އަޅުގަނޑުމެންގެ އެންމެ ފަހުގެ ޓެކްނޮލޮޖީސް މެދުވެރިކޮށް ގޭތެރޭގައި ތަފާތު ކަންކަން ފަސޭހައިން ކުރެވޭނެ ކަންތައްތައް، އުރީދޫ ސްމާޓް ހޯމް ޚިދުމަތުން ފެނިގެން ދާނެ،" ނޫރާ ވިދާޅުވިއެވެ.

ހައިރައިޒާއި އުރީދޫއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ
އުރީދޫއަށް ފަހު، ހައިރައިޒުން މިއަދު ސޮއިކޮށްފައި ވަނީ ސެކިއުރިޓީޒް ޕާޓްނަރެއްގެ ގޮތުގައި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސްް ޕްރޮޓެކްޝަން (އެސެޕް) އާއެކުއެވެ. މި އެއްބަސްވުމަކީ ހައިރައިޒުން މިއަހަރު ބާއްވާ ހުރިހާ މައުރަޒެއްގެ ސެކިއުރިޓީޒް ޕާޓްނަރުގެ ގޮތުގައެވެ.
ހައިރައިޒުން މިއަހަރުގެ ތެރޭގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ލިވިންގް އެކްސްޕޯގެ އިތުރުން ފުޑް އެންޑް ބެވެރެޖަސް ޝޯ އާއި ވެކޭޝަންސް އެކްސްޕޯ ހިމެނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސެޕްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އަޒްމީ ރަޝީދާއި، ހައިރައިޒްގެ އޮޕަރޭޝަންސް މެނޭޖަރ ނައްވާފް ރަޝީދެވެ.
އެސެޕުން ބުނީ، ހަރަކާތް ހިނގަމުންދާ ދުވަސްވަރު، ހަރަކާތްތައް ކުރިޔަށްދާ ތަންތަނަށް އެ ކުންފުނީގެ ސެކިއުރިޓީ ފޯރުކޮށްދެމުން ދާނެ ކަމަށެވެ.
ހައިރައިޒްއިން އެސެޕްއާ އެކު ސޮއިކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މައުރަޒަށް ރިއަލް އެސްޓޭޓް އަދި ސާވިސް އިންޑަސްޓްރީގެ ބައިވެރިވުން އިތުރުކުރީ މިދިޔަ އަހަރުއެވެ.
އެ މައުރަޒު އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތު ދޭ ގޮތުގައި، ދިވެހީންނަށް ރެޖިސްޓާކުރުމުގެ ފުރުސަތު ލިވިން އެކްސްޕޯގެ ޒަރިއްޔާއިން ލިބޭނެ އެވެ.
މިއަހަރުގެ ލިވިން އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް އެވެ. އަދި ކޯ ސްޕޮންސަރަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ. އޮންލައިން މީޑިއާ ޕާޓުނަރަކީ ސަން އޮންލައިނެވެ.