ރާއްޖޭގައި ހިންގާ، ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ) އެންޖީއޯއިން، އިމޯޝަނަލް އިންޓެލިޖެންސާ ބެހޭ ވޯކްޝޮޕެއް މާލޭގައި ބާއްވައިފިއެވެ.

ރަފީ އެންޖީއޯއިން މައުލޫމާތު ދޭ ގޮތުގައި، އިއްޔެ ބޭއްވި މި ވޯކްޝޮޕުގައި ފެސިލިޓޭޓަރެއްގެ ދައުރު އަދާކުރެއްވީ ސިންގަޕޫރުގެ އެޑްސްޓާ ގްލޯބަލްގެ އިމޯޝަނަލް އިންޓެލިޖެންސް ސްޕެޝަލިސްޓް މާރިއާ ޖުޑިތު ކްލެރިޑޭޑްސްއެވެ.

ރަފީ އެންޖީއޯއިން މީގެ ކުރިން ވަނީ ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމުގެ ވޯކްޝޮޕްތަކެއް ބާއްވައިފައެވެ. އިއްޔެ ބޭއްވި ވޯކްޝޮޕުގައި ބައިވެރިންނަށް ތަމްރީނު ދީފައިވަނީ، އިމޯޝަނަލް ގޮތުން، ނުވަތަ އިހްސާސީ ގޮތުން ފިކުރީ ލީޑަރުންތަކަކަށް ވުމަށެވެ.

މި ވޯކްޝޮޕްގައި ފެސިލިޓޭޓް ކޮށްދެއްވި މާރިއާ ޖުޑިތު ކްލެރިޑޭޑްސްއަކީ ފިލިޕީންސްގެ ބޭކަނބަލެކެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ލީޑަރުންނާއި ޒިންމާދާރު ފަރުދުން ބިނާކުރުމުގައި 15 އަހަރު ދުވަހުގެެ ތަޖުރިބާ ހޯއްދަވައިފައެވެ. އޭނާ މަސައްކަތް ކުރައްވަނީ ފިލިޕީންސްގެ ޑެ ލަ ސައްޔޭ ކޮލެޖުގައެވެ.

އިއްޔެ ބޭއްވި ވޯކްޝޮޕްގައި ރަފީ އެންޖީއޯގެ ފަރާތުން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ސިންގަޕޫރުގެ އެޑްސްޓާ ގްލޯބަލްގެ ސީއެސްއާރުގެ ދަށުން ރަފީ އެންޖީއޯއަށް ހިންގައިދިން މި ސެޝަނުގައި ބައިވެރިވި ފަރާތްތަކަށް، އެޑްސްޓާގެ ފަރާތުން ސެޓްފިކޭޓް ދީފައިވެއެވެ.