25 Jun 2011, 16:19
މާލޭގެ ސަހަރާތަކުގައި މަސްތުވާތަކެތީގެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިއުމާއި އެ ތަންތަނުގެ ތެރޭގައި ބަދުއަހުލާގީ އަމަލްތައް ހިންގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ސަހަރާތަކުގެ ފާރުތައް ތަޅާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ފާރާތުން ކުރިއަށް ގެންދާ އެ މަސައްކަތުގެ ދަށުން މިއަދު ހެނދުނު ވަނީ މާފަންނު ސަހަރާގެ ވަށާފާރު އެއްކޮށް ތަޅާލުމަށް ފަހު، އެތަން ބިމާ ހަމަކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝާމާހު ރަޝީދު މިއަދު ވިދާޅުވީ މާލޭގެ ސަހަރާތަކުގެ ފާރުތައް ތަޅާލުމުގެ މަސައްކަތް ފެށީ އެތަންތަނުގެ ތެރޭގައި ބަދުއަހުލާގީ އަމަލްތައް ހިންގަމުންދިއުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި އެތަންތަނުގެ ތެރޭގައި ކުރަމުން ދިއުމާ ގުޅިގެން ކަމަށެވެ.
"އެކަމަކީ ސަހަރާއަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރާ ކަމެއް. މާފަންނު ސަހަރާ ތަޅާލީ އެތަން ބަންދުވެފައި ހުންނާނީ އެތަނުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ބަދުއަހުލާގީ އަމަލްތައް ހިންގުން އިތުރުވުމުން،" މިހާރު މީހުން ވަޅުލުން ހުއްޓާލައިފައިވާ ސަހަރާއާ ބެހޭ ގޮތުން ޝަމާހު ވިދާޅުވި އެވެ.
ޝަމާހު ވިދާޅުވީ އެފަދަ އަމަލްތައް ހިންގަމުންދާ ކަމުގެ ޝަކުވާތައް ލިބެން ފެށުމާ ގުޅިގެން ސަހަރާތަކުގެ ފާރުތައް އެތެރެ ފެންނާނެ ހެން ތަޅާލުމަށް ހަމަޖެއްސީ އެއަމަލްތައް ހުއްޓުމުގެ ބޭނުމުގައި ކަމަށެވެ. އަދި މަޑުމަޑުން މާލޭގެ ހުރިހާ ސަހަރާތަކެއްގެ ވެސް އެތެރެ ފެންނާނެހެން ފާރުތައް ތަޅާލުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަންނު ސަހަރާއަކީ ކުރިން މަތިމައްޗަށް ވެލިއަޅައިގެން މީހުން ވަޅުލާފައިވާ ތަނެކެވެ.