30 Jan 2017, 16:20
ޑަބްލިން (ޖެނުއަރީ 30): ސަރުކާރުގެ ފައިސާއިން ފޮސިލް ފިއުލްއަށް އިންވެސްޓް ކުރުން ހުއްޓާލާ ފުރަތަމަ ގައުމަކަށް އަޔަލޭންޑްވެއްޖެ އެވެ.
އަޔަލޭންޑްގެ ސްޓްރެޓީޖިކް އިންވެސްޓްމެންޓް ފަންޑުން ކޯލް، ތެޔޮ އަދި ގޭހަށް އިންވެސްޓު ކުރުން ހުއްޓާލާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ 90 މެމްބަރުންގެ ތާއިދާ އެކު އެވެ. އެބިލާ ދެކޮޅަށް ވޯޓު ދެއްވީ 53 މެމްބަރުންނެވެ.
އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އެ ބިލު މުރާޖައާކޮށް ނިމުމުން އެބިލު ގާނޫނަކަށް ހެދޭނެ ކަމަށް ބިލު ހުށަހެޅި މެމްބަރު ތޯމަސް ޕްރިންގްލް ވިދާޅުވި އެވެ.
އެބިލަކީ 'މޫސުމާ ބެހޭ ސައިންސު ބަދަލުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް އިންކާރުކުރުމަށާއި އެފަަދަ މައުލޫމާތު ފެތުރުމަށް ސިޔާސީ ފަރާތްތައް ބޭނުން ކުރާ ބައިނަލްއަގުވާމީ ކޯޕަރޭޝަންތަކަށް' ފޮނުވާ މެސެޖެއް ކަަމަށް ޕްރިންގްލް ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ތަރައްގީވެފައި ނުވާ ގައުމުތަކުގައި ތިބި އެތައް މިލިއަން ރައްޔިތުން ހައިހޫނުކަމާއި ހިޖުރަކުރުމާއި ހަމަނުޖެހުމާ ކުރިމަތިލާންޖެހިފައިވާ އިރު، [އެކޯޕަރޭޝަންތަކުގެ] އަމަލުތައް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭނެ،" ޕްރިންގްލް ވިދާޅުވި އެވެ.
އެބިލަށް އަމަލު ކުރަން ފެށުމުން އަޔަލޭންޑުގެ އިންވެސްޓްމެންޓް ފަންޑަށް ޖެހޭނީ މިހާތަނަށް ކޮށްފައިވާ އިންވެސްޓްމެންޓުތައް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ވިއްކާލާށެވެ. (އިންޑިޕެންޑެންޓް)