ސިޔާސީ ކަންކަމުގައި މިނިވަން ވިސްނުމަކީ އޮންނަ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގިނަ ކައުންސިލަރުންތަކެއް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕާޓީ އުފެދެނީ މިނިވަން ވިސްނުން ދޫކޮށްލާފައި ކަމަށާއި ސިޔާސީ ހަރަކާތުގައި މިނިވަން ވިސްނުމަކަށް ޖާގައެއް ނުލިބޭނެ ކަމަށެވެ.

"ސިޔާސީ މަސައްކަތުގައި ސިޔާސީ ހަރަކާތުގައި މިނިވަން ވިސްނުމަކީ އެއަށް ޖާގަ ލިބޭނެ ކަމެއް ނޫން. އަބަދު ވެސް އަގުލަބިއްޔަތުން ކަންކަން ނިންމާނީ. އެއީ ދުނިޔޭގެ ހަގީގަތް. އެއީ ދިވެހި ރާއްޖެ އިން އެކަނި ކުރާ ކަމެއް ވެސް ނޫން. އެހެން ވީމާ މިނިވަން ވިސްނުމަކީ އެއީ މިހާރު އޮތް އެއްޗެއް ނޫން. ދުނިޔޭގެ އެންމެ ބޮޑެތި ޖަމާއަށްތަކުގައި ވެސް މިނިވަން ވިސްނުމެއް ނުހުރޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެކަމަށް މިސާލު ޖައްސަވަމުން ވިދާޅުވީ، އދ. އަށް ވަދެ ތިބީ އަމިއްލަ މިނިވަންކަން ކޮންމެވެސް ވަރަކަށް ދޫކޮށްލައިގެން ކަމަށާއި އެފަދަ ވޯކިން ގްރޫޕްތަކުން ރާއްޖޭގެ ތެރޭގައި ކުރާ މަސައްކަތްތަކާ ބެހުމުގެ ޖާގަ ދޭ ކަމަށެވެ. ނަމަވެސް އެކަމަށް ތަބާވުމަކީ އަދި މުޅިން ތަފާތު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ކަންކަމުގައި މިނިވަން ވިސްނުމަށް ޖާގަ ނެތް އިރު، ގައުމަށާއި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ތިބެގެން ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ތަރައްގީ އާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރެވޭނީ ރައްޔިތުންގެ ތާއީދު އޮތް ބޮޑެތި ޕާޓީތަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގެ ދާހިލީގެ ކަންކަމާ ބެހޭ އިރު، ބަރުމާ ކަހަލަ ގައުމުތަކުގައި މުސްލިމުން މަރަމުން ދާދިއުން ބަލަން ބައިނަލްއަގުވާމީ ޖަމާއަތްތައް ނުވަތަ އދ. ވޯކިން ގްރޫޕް ކޮބައިތޯ އެވެ. ދުނިޔެ ހިނގާ ހަގީގަތަކީ ކުދި ގައުމުތަކަށް ކުދި އިންސާފު އަދި ބޮޑެތި ގައުމުތަކަށް ބޮޑެތި އިންސާފު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ދުނިޔޭގެ ކުރިމަތީގައި ޝަރަފާއި އިއްޒަތް ގާއިމްކުރުން ކަމަށެވެ.