30 Jan 2017, 15:54
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި ތިއްބެވި ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުންނާއި އެހެނިހެން ޕާޓީތަކާއި ބައެއް އަމިއްލަ މެމްބަރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިއްޖެ އެވެ.
ޕީޕީއެމްއާ ގިނަ ކައުންސިލަރުންތަކެއް ގުޅިވަޑައިގަތުމާ ގުޅިގެން ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައިފަ އެވެ.
ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުން 31 މެމްބަރަކު ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ. ޕީޕީއެމްއާ ގުޅިވަޑައިގެން ކައުންސިލަރުންގެ ތެރޭގައި ގިނައީ އެމްޑީޕީ މެމްބަރުންނެވެ. ޕީޕީއެމްއާ ގުޅިވަޑައިގެން ކައުންސިލަރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީީ އާއި އަމިއްލަ ބައެއް މެމްބަރުން ހިމެނޭ އިރު، ސިޔާސީ ކަންކަމުގައި ބައެއް ރަށްރަށުގައި އިސްކޮށް އުޅުއްވާ ހަތް ބޭފުޅަކު ވެސް އެ ޕާޓީ އާ ވަނީ ގުޅިވަޑައިގެންފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނައުމަށް އެއް އަޒުމަކާ އެކު މަސައްކަތް ކުރެވޭނީ، ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
"ދިވެހިރާއްޖެއަށް ތަރައްގީ ހާސިލް ކުރަން ބޭނުން ކަމަށް ވަންޏާ، ޒުވާނުންގެ ހުރިހާ ބޭނުންތައް ފުއްދައިދޭން ބޭނުން ކަމަށް ވަންޏާ، އަޅުގަނޑުމެން އެއް އަޒުމަކަށް މަސައްކަތް ކުރެވޭނީ މިކަހަލަ އަޒުމެއް ހުރެގެން އަޅުގަނޑުމެންގެ ޓީމުން މަސައްކަތް ކޮށްގެން. އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ވަޒީރުން އަދި އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ ބޭފުޅުން ހާއްސަކޮށް މިއަދު ގުޅިވަޑައިގެންނެވި ކަހަލަ އެކްޓިވިސްޓުން އިސް ސަފުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކޮށްދެއްވައިފި ކަމަށް ވަންޏާ، އަޅުގަނޑުމެން މިދާންވާ މިސްރާބަށް ދިއުމަށް އިރާދަކުރެއްވިއްޔާ ﷲގެ ރަހްމަތާއި ބަރަކާތް މިންވަރު ކުރައްވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ތިބެގެން ކޮށްދެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނީ މެމްބަރުން ގިނަ ރައްޔިތުންގެ ތާއީދު ބޮޑު ޕާޓީއަކުން ކުރިމަތިލައިގެން ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ށ. ނޫމަރާ ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށްރަށަށް ތަރައްގީ ބޭނުން ނަމަ ރައީސްގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ޖެހޭ ކަމަށާއި ޕީޕީއެމްއާ ގުޅި ތަރައްގީއަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އިތުރުން މެޑަމް ފާތިމަތު އިބްރާހީމާއި، ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.