މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބޮޑު ނެޓްވޯކެއް ފަޅާއަރުވާލައި، އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ ތަފްސީލު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

އެ ނެޓްވޯކް ފަޅާއަރުވާލުމަށް ޖެނުއަރީ 2009 އިން ފެށިގެން ފުލުހުން ހިންގި "އޮޕަރޭޝަން ޗެލެންޖް"އާ ގުޅޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހަންމަދު ޖިނާހު ވިދާޅުވީ، އެ އޮޕަރޭޝަންގައި ފުލުހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ މީހަކީ މ. ލޮނުމިދިލިގެ އިބްރާހިމް ޝަފާޒް އަބްދުއް ރައްޒާގު،30، ކަމަށެވެ. އޭނާއާ އެކު އެނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވި ތިން މީހަކު ވެސް ވަނީ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ. އެއީ ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއިލް ޝަމީމް 30، އާއި މ. ފެހި އައްސޭރި ހުސެއިން އަތީކާއި،27 އަދި މ. ކުދެހިގޭ ހުސައިން އާތިފް، 25 އެވެ.

އެތިން މީހުން ވެސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ހ. ފަށަން ގޭގައި ޝަފާޒު ކުއްޔަށް ހިފައިގެން އުޅޭ ދެ އެ ޕާޓްމަންޓުންނެވެ. ޝަފާޒު ހައްޔަރުކުރީ ފިލަން އުޅެނިކޮށް ގްރައުންޑް ފްލޯއިންނެވެ. އެ ހަތަރު މީހުންގެ އިތުރުން އެ މަސްތުވާތަކެތި ޑިސްޓްރިބިއުޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ބުނާ، ގ. ކޯބިން މުހައްމަދު މިއާދު ވެސް ހަމަ އެ ގެއިން ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

ޝަފާޒަކީ 2005 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެކަމުގެ ވިޔާފާރިކުރަމުން އަންނަ ނެޓްވޯކެއް އޮޕަރޭޓް ކުރާ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ޖިނާހު މިއަދު ވިދާޅުވި އެވެ.

"އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަށް ބަލައި އެއްކުރެވުނު އެހެނިހެން ވެސް މައުލޫމާތުތަކުން އެނގުނީ އޭނާއަކީ އެކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހެއްކަން. އަދި އޭނާ އާ އެކު އެ ވިޔަފާރީގައި އެހެން ބަޔަކު ވެސް ވާކަން. އަޅުގަނޑުމެން ވަރަށް ދުރާލާ އިންޓެލިޖެންސުން އެ އޮޕަރޭޝަން އެއްވެސް އެރާއެއް [އޮޅުމެއް] ނާރާ މި ކާމިޔާބުކުރީ ހެއްކާއި ގަރީނާ އާ ވެސް އެކު،" ޖިނާހު ވިދާޅުވި އެވެ.

ޖިނާހު ވިދާޅުވީ، އެމީހުން ހައްޔަރުކުރި އިރު އެ ޕާޓްމަންޓުތަކުން 895.9322 ގުރާމުގެ މަސްތުވާތަކެތި ވެސް ހޯދާފައިވާ ކަމަށެވެ. އަދި އެ މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ފެނުނު ކަމަށާއި ބައެއް ތަކެތި ޖެހިގެން ހުރި ގޭ ފުރާޅަށް އެއްލާލައިފައި ހުއްޓައި ވެސް ފުލުހުން ހޯދި ކަމަށް ޖިނާހު ވިދާޅުވި އެވެ.

"އޭރު އެމީހުން ތިބީ އެތަކެތި ވިޔަފާރިއަށް ނެރެން އެތަކެތި ބަންދު ކުރުމުގައި. އެތަނުން އެކަމަށް ބޭނުންކުރާ އާލާތްތައް ފެނުނު،" ޖިނާހު ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް އަދި ރިހެބުން ކުރިން ފަރުވާ ވެސް ހޯދާފައިވާ ޝަފާޒް ޑްރަގުގެ ވިޔަފާރި ކުރަނީ ލަންކާގެ ޑީލަރަކާއި ގުޅިގެން ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. ފަހަކަށް އައިސް އިންޑިޔާގެ އެކި ހިސާބުތަކުން ޑުރަގު އެއްކޮށްގެން ލަންކާ އަށް ޖަމާކޮށްގެން ވެސް ޑުރަކު ރާއްޖެ އެތެރެކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފުރާޒު ވިޔަފާރީގެ ގޮތުގައި ގެންނަ ބާރުގަދަ މަސްތުވާ ތަކެތި ރާއްޖެ އެތެރެވުމުން އެ ކުދިކޮށް ޕެކެޓުތަކަށް އަޅައި ވިއްކަނީ އިސްމާއިލް ޝަމީމް ކަމަށް ފުލުހުން ބުންޏެވެ. އެ ވިޔަފާރީގައި ފައިސާ ބޭރަށް ފޮނުވުމުގެ ކަންކަން ކުރަމުން އަންނަނީ ހުސެއިން އަތީކް ކަމަށެވެ. އަދި ތިން ވަނަ އަށް އެ ވިޔަފާރީގައި އެންމެ ބޮޑުދައުރެއް އަދާކުރަނީ ހުސެއިން އާތިފް ކަމަށް ޖިނާހު ވިދާޅުވި އެވެ. އޭނާގެ މަސައްކަތަކީ މަސްތުވާތަކެތި ބޭރުގެ އެޖެންޓާ ކޮމިއުނިކޭޓްކޮށް އެތަކެތި ސަލާމަތުން މާލެގެނައުމެވެ.

އެމީހުންގެ ނެޓްވޯކް ހިނގާ ގޮތުގެ ތަފްސީލު ޖިނާހު ދެއްވި އެވެ. އެގޮތުން ޝަފުރާޒް އާއި އޭނާގެ ބައިވެރިން ލަންކާގެ ޑީލަރަށް ލާރި ފޮނުވަނީ ބޭރަށް ލާރި ފޮނުވުމުގެ ލައިސެންސް އޮންނަ އޭޖޭ އެމްޕޯރިއަމް އިންނެވެ. ލަންކާ އިން އެ ފައިސާއާ ހަވާލުވަނީ އެމްސީ ގެލަރީ ކިޔާތަނަކުންނެވެ. އަދި އެ ފައިސާ ފޮނުވުމުން ޑްރަގު ރާއްޖެ އެތެރެ ކުރަނީ ސްރީލަންކަން އެއާލައިންސްއިންނެވެ.

ނަމަވެސް، އެތަންތަން މިކަމުގައި ޝާމިލުވާކަމެއް އެނގިފައިނުވާ ކަމަށް ޖިނާހު ވިދާޅުވި އެވެ.

"ނަމަވެސް އެބޭފުޅުން މިކަމުގައި ޝާމިލްވާކަން އެނގިފައެއް ނެތް. އަޅުގަނޑުމެން މި އަންނަނީ އެކަން ތަހުގީގުކުރަމުން. އެބޭފުޅުން ވެސް ވަނީ އަޅުގަނޑުމެންގެ ތަހުގީގަށް އެއްބާރުލުން ދެމުން،" ޖިނާހު ވިދާޅުވި އެވެ.

އެހާ ދުވަސްވަންދެން ކަސްޓަމްސްއިން އެ މަސްތުވާތަކެތި އަތުލައިނުގަނެވުނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ޖިނާހު މިއަދު ވިދާޅުވީ، އެ އެއްޗެހީގެ ޕެކިން ކޮށްފައި ހުރި ގޮތުން ހޯދައިގަންނަން އުނދަގޫވީ ކަމަށެވެ.

"މި އެއްޗިހި މި ހުންނަނީ ފެކްޓަރީ ޕެކިންގައި. އެހެންވެ އެއްވެސް ވަރަކަށް އެތަކެތި ހޯދައިގަންނަން ވަރަށް ދަތިވާނެ،" ޖިނާހު ވިދާޅުވި އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ނެޓްވޯކުން މި އަހަރުގެ ފެބްރުއަރީ މަހާއި އޭޕްރިލް މަހާ ދޭތެރޭ 1.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑު މީހާގެ ނަމުގައި ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓުން 2005 އަހަރުން ފެށިގެން 500،000ރ. އަށް ވުރެ ގިނަ ރުފިޔާ ރޯލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ހ. ކަރަންކާ މަގުގައި ހުންނަ "ޗާމް" ފިހާރަ 150،000ރ. އަށް ގަނެފައި ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. އޭނާ ވަނީ އެ ފިހާރަ 200،000ރ. ހަމަ އެ އަހަރު ވިއްކާލައިފަ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.

އޭނާ ދިގުމުއްދަތައް ކުއްޔަށް ހިފާފައިވާ ތިން އެޕާޓްމަންޓެއް ވެސް މާލޭގައި ހުންނަކަމަށާއި އަދި އޭގެ ތެރެއިން އެއް އެޕާޓްމަންޓަކީ 21 އަހަރު ދުވަހަށް 300،000ރ. އަށް ގަނެފައިވާ ތަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ޝަފާޒް ވަނީ ހެންވޭރުން ފަހާތަނެއް 15 އަހަރު ދުވަހަށް 200،000ރ. އަށް ގަނެފައި ކަމަށާއި ކ. މާފުށީގައި ފިހާރައެއް ވެސް ހިންގަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ސުޒުކީ "ސްވިފްޓް" ކާރެއް 170،000ރ އަށް ގަނެފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. އެހެންނަމަވެސް، ފުލުހުން ބުނާ ގޮތުގައި އެ ކާރު ވަނީ 180،000ރ. އަށް ވިއްކާލައިފަ އެވެ.

ޖިނާހު އިތުރަށް ވިދާޅުވި އެވެ؛ "އަޅުގަނޑުމެން އޭނާގެ ފުރީޒް ކުރަން ޖެހޭ އެކައުންޓެއް ހުރެއްޖެ ކަމަށްވަންޏާ އެކަން ވެސް ކުރާނަން،"

ޕުރޮސިކިއުޓާ ޖެނެރަލް އޮފީހާއި ކްރިމިނަލް ކޯޓުގެ ވެސް ފުރިހަމަ ލަފާގެ މަތިން ހިންގި އެ އޮޕަރޭޝަން ކާމިޔާބުވުމާ އެކު ޑުރަގުގެ ވިޔަފާރީގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހަރަކާތްތެރިވާ އައު ބަޔަކު ހޯދިފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންޑީޔާ އާއި ލަންކާ އާއި އަދި ޕާކިސްތާނުގެ ބައެއް ނެޓް ވޯކުތައް ހިމެނެ އެވެ.

"އަޅުގަނޑުމެންނަށް މި އޮޕަރޭޝަނުން އިނގިއްޖެ އެއްބަޔަކު މިކަމުގައި އެބައުޅޭކަން. އެ އެންމެން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ހުރީ. އެގޮތުން އެމީހުން ހައްޔަރުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރިއަށް އެބަގެންދަން،" ޖިނާހު ވިދާޅޫވި އެވެ.
----------------------------------------------------------------------------

15:17 ޖުލައި މަހު މި މައްސަލަ ޕީޖީ އަށް ފޮނުވާނެ ކަމަށް ޖިނާހު ވިދާޅުވި.

15:17 ޝަފާޒު މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑް އެބައޮތް. އަދި ފަރުވާވެސް ހޯދާފައިވޭ. މާރާމާރީގެ ރެކޯޑުވެސް އެބަ އޮތް. މާލޭގައި އޭނާގެ ތިން އެޕާޓްމަންޓެއް ހުރޭ. އަދި ވިޔަފާރިވެސް ހިންގާ. އޭގެ ތެރެއިން އެއް ފިހާރައެއް އޭނާ ވިއްކާލާފައިވޭ. އަދި އޭނާ ގަނެފައިވާ ސުވިފްޓް ކާރެއް ވެސް ވިއްކާލާފައިވޭ. މުޅި މިލްކިއްޔާތުގައި ހުރި ވަރެއް ފުލުހުން ނުބުނޭ.

ފުލުހުން ހ. ފަށަން ރެއިޑްކުރިއިރު ޝަފާޒް ފިލަން މަސައްކަތްކުރި. އޭނާ އަތުލައިގަތީ ގްރައުންޑް ފްލޯއިން.

14:57 ހ. ފަށަން އިން އަތުލާގަތް މަސްތުވާތަކެއްޗަކީ ކޮން މަގަކުން އެތެރެކުރި އެއްޗެއް ކަމެއް ބުނަން ނެގޭ.

14:54 މަސްތުވާތެކެތި އެތެރެކުރި ނެޓްވޯކުން މިއަހަރުގެ ފެބްރުއަރީ މަހާއި އޭޕްރިލް މަހުގެ ދޭތެރޭ 1.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކޮށްފައިވޭ. ހ. ފަށަން އިން 800 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވޭ.

14:52 އޮޕަރޭޝަން ހިންގީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެއްބާރުލުމާއެކު.

14:51 އެމީހުން މަސްތުވާތަކެތި އެތެރެކުރީ ބޮޑު ބައިނަލް އަގުވާމީ ޑްރަގް ނެޓްވޯކެއް ތެރެއިން. ލަންކާއިން އެމީހުން މަސްތުވާތަކެތި އެތެރެކުރި ފަރާތްތަކާއި ބޭރު އެހެން ޕާކިސްތާނާއި އިންޑާފަދަ ގައުމުތަކާ ގުޅުން އޮވޭ.

14:49 ހައްޔަރުކުރި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށަހަޅާނެ ހެކިތައް ވެސް ފުލުހުން އެބަ ހާމަކުރޭ. އެގޮތުން އެމީހުން މަސްތުވާތަކެތި އެތެރެކުރި ފްލައިޓްތަކުން ދަތުރުކުރި ފްލައިޓުގެ ޓިކެޓާއި އެމީހުން އަތުލައިގަތްއިރު ފެނުނު މަސްތުވާތަކެއްޗާއި ތަކެތި ބަންދުކުރާ އާލާތްތައް ހިމެނޭ.

14:46 ހ. ފަށަން އިން އެމީހުން ހައްޔަރުކުރި އިރު މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރާ މެޝިނާއި އަދި ފިންގާ ޕްރިންޓް ނާރަނެ ގޮތަށް ބޭނުންކުރި އާލާތްތައް ފެނުނު ކަމަށް ޖިނާހު ވިދާޅުވި.

14:44 ޝަފާޒްއާ އެކު މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހެއްގެ ތަފްސީލުވެސް ފުލުހުން އާއްމުކޮށްފި. އެއީ އިސްމާއިލް ޝަމީމް އާއި ހުސެއިން އާތިކް އާއި ހުސެއިން އާތިފް އެވެ. އެ ތިން މީހުންގެ ފޮޓޯ ވެސް ފުލުހުން އާއްމުކުރި. އެމީހުން ރާއްޖެ މަސްތުވާތަކެތި އެތެރެކުރަމުންދަނީ 2005 ވަނަ އަހަރުން ފެށިގެން ފުލުހުން ބުނޭ.

14:17 މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މަސްތުވާތަކެތީގެ "ބޮޑު" މީހާ އަކީ މ. ލޮނުމިދިލިގެ އިބްރަހިމް ޝަފާޒް އަބްދުއް ރައްޒާގު ކަމަށް ފުލުހުން ބުނެފި އެވެ.

ހައްޔަރުކުރި މީހާގެ ތަފްސީލު ފުލުހުން އާއްމުކޮށްފައިވަނީ މިހާރު ކުރިއަށްދާ ޕޮލިސް ޕްރެސް ބްރީފިންގައި އެވެ. މައުލޫމާތު ދެއްވަނީ ޑްރަގް ޑިޕާޓްމަންޓްގެ ވެރިޔާ މުހައްމަދު ޖިނާހު. އޭނާ ވިދާޅުވީ، އެ އޮޕަރޭޝަން ފެށީ ޖެނުއަރީ 2009 ގައި ކަމަށް ފުލުހުން ބުނެ އެވެ.

)އިތުރު ތަފްސީލު އަންނަނީ(