30 Jan 2017, 14:31
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ގެޒެޓްކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖަހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރުފަހު 3:00 އަށް ކަމަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ހުކުރު ދުވަހު ޝަކުވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކުންނާއި އައްޑޫ ސިޓީ ކައުންސިލުންނާއި ފުވައްމުލައް ސިޓީގެ އަވަށު އޮފީސްތަކުން ކަމަށެވެ.
މާލެއިން ފޯމުތައް ބަލައި ގަންނާނީ ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިންތިޚާބީ މަރުކަޒުންނެވެ.