30 Jan 2017, 13:01
"އޯ ސަމް ސިކްސް ބާގާ" ގެ ނަމުގައި ހޮޓެލް ޖެންގެ ކިޗަން އޮން ދަ ގޯ އިން ހާއްސަ ބަގާ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
މި ބާގާ ތައާރަފްކުރުމަށް ހޮޓެލް ޖެންގައި އިއްޔެ ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. އެގޮތުން އިއްޔެ މެންދުރުން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް އެ ހަރަކާތް ކުރިއަށް ގެންގޮޮސްފައިވެއެވެ.
ރޭގަނޑު މި ހަރަކާތް ކުރިއަށް ގެންދިޔައީ ލައިވް މިއުޒިކާ އެކުއެވެ. މި ބާގާ ޕެކޭޖު ޚާއްސަކުރެވިފައިވަނީ އޮފީސްތަކުގައި ތިބެ، ލުއި ލަންޗެއް ނަގަން ބޭނުންވާ ފަރާތްތަކަށާއި ޕިކްނިކް އަދި މޫދަށް ދާ ފަރާތްތަކަށެވެ.
ހޮޓެލް ޖެންގެ އެފްއެންބީ މެނޭޖަރު މުހައްމަދު މައުރީފު ރޭ ވިދާޅުވީ، ހަ ބާގާ ހިމެނޭ ބާގާ ބާސްކެޓާއެކު ކޯކު ފުޅިއެއް ހިލޭ ލިބިގެންދާނެ ކަމަށެވެ.
"ހާއްސަކޮށް އަޅުގަނޑުމެން މި ފޯކަސްކޮށްލަނީ ޕިކްނިކް ދާ ފަރާތްތަކަށް މިސާލަކަށް އާޓިފިޝަލް ބީޗަށްދާ ފަރާތްތަކަށާއި އޮފީސްތަކުގައި ތިބޭ ފަރާތްތަކަށް ވަރަށް ލުއި ލަންޗު ބޮކްސްއެއް ތައާރަފްކުރުމުގެ ގޮތުން މި ބާގާ ބާސްކެޓް މި ތައާރަފްކުރީ،" މައުރީފު ވިދާޅުވި އެވެ.
ހަ ބާގާ ހިމެނޭ މި ބާގާ ބާސްކެޓުގެ އަގަކީ 586 ރުފިޔާއެވެ. އިއްޔެ ލިބުނު ބައެއް ފީޑްބެކަށް ބެލުމަށްފަހު، ދެ ބާގާގެ ޕެކޭޖެއް ތައާރަފްކުރުން މުހިއްމު ކަމަށް ފާހަގަކުރެވިފައިވާތީ މިއަދުން ފެށިގެން ދެ ބާގާގެ ޕެކޭޖެއް ތައާރަފްކޮށް ވިއްކަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭނުންވާ ވައްތަރެއްގެ ބާގާއެއް ބާސްކެޓްގައި ހިމަނާލެވޭނެކަމަށާއި، އެގޮތުން ބީފް، ޗިކަން އަދި ވެޖިޓަބަލް ބޭނުންކޮށްގެން މިކްސްކޮށް ވެސް ބާގާ ބާސްކެޓް ތައްޔާރުކުރެވިދާނެ ކަމަށް މައުރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ބާސްކެޓް ހޯދުމަށް ފޯނުން ގުޅައިގެން އަދި ކިޗަން އޮން ދަ ގޯއަށް ވަޑައިގެން ވެސް އޯޑާކޮށްލެވޭނެ ކަމަށެވެ. އޮޑާ ދިނުމުން ވަރަށް އަވަހަށް ތައްޔާރުކޮށްދޭނެ ކަމަށް މައުރީފު ވިދާޅުވި އެވެ.