30 Jan 2017, 12:49
ވޮޝިންޓަން(ޖެނުއަރީ 30): މުސްލިމް މެޖޯރިޓީ އޮންނަ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރެއްވުން ދިފާއު ކުރައްވައި، 90 ދުވަސް ފަހުން އަނެއްކާވެސް ހުރިހާ ގައުމަކަށް ވިސާ ދޭން ފަށާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"މީޑިއާއިން ރިޕޯޓުކުރަމުންދާ ގޮތާ ހިލާފަށް މިއީ މުސްލިމުން އެމެރިކާއަށް އައުން މަނާ ކުރުމެއް ނޫން. މިއީ ދީނާ ބެހޭ ކަމެއް ނޫން. މިއީ ޓެރަރިޒަމާއި އަޅުގަނޑުމެންގެ ގައުމު ރައްކާތެރި ކުރުމާ ބެހޭ ކަމެއް،" ޓްރަމްޕްގެ ރިޔާސީ އަމުރުގައި ނުހިމެނޭ، މުސްލިމް މެޖޯރިޓީ އޮންނަ 40 ގައުމު ދުނިޔޭގައި އޮތްކަން ފާހަގަ ކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވި އެވެ.
އަދި އެމެރިކާއަށް އަންނަ ފަރާތްތައް މިހާރަށް ވުރެ ހަރުކަށިކޮށް ސްކްރީން ކުރާނެ ސިޔާސަތެއް އެކުލަވާލައި އެ ސިޔާސަތާ އެއްގޮތަށް އަމަލު ކުރަން ފެށުމުން، ކުރިއަށް އޮތް ތިން މަސް ތެރޭގައި އަނެއްކާވެސް ހުރިހާ ގައުމަކަށް ވިސާ ދޫކުރަން ފަށާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ 2011 ވަނަ އަހަރު ކުރީގެ ރައީސް ބަރަކް އޮބާމާވެސް އެފަދަ އަމުރެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އައުން ޓްރަމްޕް މަނާ ކުރެއްވި ހަތް ގައުމަކީ ޓެރަރިޒަމްގެ ނުރައްކާ އޮތް ހަތް ގައުމުގެ ގޮތުގައި ފާހަގަ ކުރީ އޮބާމާގެ ދައުރުގައި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޮބާމާގެ ވެރިކަމުގައި ހަ މަސް ވަންދެން އިރާގުގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓުވި ނަމަވެސް، އެއަމުރުގެ ސަބަބުން އެމެރިކާގެ ވިސާ އާއި ގްރީން ކާޑު އޮތް އިރާގުގެ ރައްޔިތުންނަށް އަސަރެއް ނުކުރެ އެވެ. އަދި އެއީ ހަމައެކަނި އިރާގުގެ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ އަމުރަކަށްވީ އިރު ޓްރަމްޕްގެ އަމުރުގެ ދަށުން އިރާގުގެ އިތުރުން ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުންނަށް ތިން މަސް ވަންދެން އެމެރިކާއަށް ނުވަދެވޭނެ އެވެ.
ހުކުރު ދުވަހު ރައީސް ޓްރަމްޕް ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރުމާ ގުޅިގެން، އޭގެ ފަހުން އެމެރިކާއަށް ދިޔަ އެގައުމުތަކުގެ މީހުން ވަނީ އެއާޕޯޓުން ހިފަހައްޓައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ގްރީން ކާޑާއި ވިސާ އޮތް ފަރާތްތައް ހިމެނުމުގެ ސަބަބުން ޓްރަމްޕުގެ އަމުރާ ދެކޮޅަށް އެމެރިކާގެ އެއާޕޯޓުތަކުގައި ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ.
އަދި ނިއު ޔޯކުގެ ކޯޓަކުން ވަނީ މަނާކޮށްފައިވާ ހަތް ގައުމަށް ނިސްބަތްވި ނަމަވެސް ގްރީން ކާޑު އޮތް ފަރާތްތައް އެމެރިކާއިން ޑީޕޯޓު ނުކުރެވޭނެ ކަމަށް ބުނެ އަމުރެއް ނެރެފަ އެވެ. (އާރުޓީ)