25 Jun 2011, 13:26
ހއ. ފިއްލަދޫ ކައުންސިލްގެ ކުރީގެ ރައީސް މުހަންމަދު ވިޖާން ކައުންސިލްގެ ތަޅުދަނޑި އަލަށް އިންތިހާބު ކުރި ރައީސް އާއި ހަވާލުނުކުރި މައްސަލަ ބޮޑުވެއްޖެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.
ވިޖާން މަގާމުން ދުރުކުރި މައްސަލަ ކޯޓުގައި އޮތް އިރު އައު ރައީސް އަކު އިންތިހާބުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާއިން ކަމައް ފިއްލަދޫ ކައުންސިލްގެ މެންބަރަކު މިއަދު ވިދާޅުވި އެވެ. ފިއްލަދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ ފިއްލަދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ފުރުއްވި ޑީއާރުޕީގެ މެންބަރު އާދަމް އިނާސް ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލްގެ މެންބަރަކު މިއަދު ވިދާޅުވީ ވިޖާން ގެންދަނީ އައު ރައީސް އިނާޒާ ތަޅުދަނޑި ހަވާލު ކުރުމަށް ދެކޮޅުހަދަމުން ކަމަށެވެ.
"ތަޅުދަނޑި ހޯދަން އުޅެފިން. ފުލުހުންނަށް ވެސް އަންގައިފިން. އެކަމަކު އަދިވެސް ތަޅުދަނޑި ވިޖާން އަތުގައި އޮތީ،" ކައުންސިލްގެ މެންބަރު ވިދާޅޫވި އެވެ.
ވިޖާން ވިދާޅުވީ އަލަށް އިންތިހާބުކުރި އިނާސް އަށް ކައުންސިލްގެ އިދާރާގެ ތަޅުދަޑި ދިނުމަށް އޭނާ އިންކާރު ކުރަނީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓުނަގާ މަގާމުން ދުރުކުރީ ގާނޫނާ ގަވާއިދާއި ހިލާފަށް ކަމައްވާތީ ކަމަށާއި އިނާސް ރައީސްކަމަށް އިންތިހާބުކޮށްފައިވަނީވެސް ގަވާއިދާއި ހިލާފަށް ކަމަށެވެ.
"އަޅުގަނޑަކީ އަދިވެސް ރައީސް. ގައިވާއިދާއި އެއްގޮތަށް އަޅުގަނޑު ވަކި ކުރި ނަމަ ތަޅުދަނޑިވެސް ހަވާލުކުރާނަން. އެކަމަކު ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފައިއޮތް އަމާނާތެއް އަޅުގަނޑު ކިހިނެތްތޯ އެބޭފުޅުން ނާއި ހަވާލުކުރާނީ،" ވިޖާން ވިދާޅުވި އެވެ.
ވިޖާން ތަޅުދަނޑި ދޭން އިންކާރުކުރުމުން ބުރާސްފަތި ދުވަހުގެރޭ ފުލުހުންވެސް ވަނީ ތަޅުދަނޑި ވިޖާންގެ އަތުން އަތުލުމަށް އެރަށަށް ގޮސްފަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން އެރަށުން އެނބުރި ގޮސްފައިވަނީ ތަޅުދަނޑި އަތުނުލާ ކަމައްވެސް ވިޖާން ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަތުގައި ތަޅުދަނޑި އެބައޮތް. އަޅުގަނޑަކީ އަދިވެސް ރައީސް،" ވިޖާން ވިދާޅުވި އެވެ.
ވިޖާން ވިދާޅުވީ ރައީސް އަކު އިންތިހާބު ކުރި ޖަލްސާގައި ބައިވެރިވީ ތިން މެންބަރުން ކަމަށެވެ. އެއީ އެމްޑީޕީގެ ދެ މެންބަރުންނާއި އަދި ޑީއާރުޕީގެ އެއް މެންބަރެއްކަމައްވެސް ވިޖާން ވިދާޅުވި އެވެ. ވިޖާން އާއި އަދި އޭނާއަށް ތާއީދު ކުރާ ޑީއާރުޕީގެ މެންބަރަކު އެ ޖަލްސާގައި ބައިވެރިނުވީ އެ ޖަލްސާ ހިނގަމުން ދަނީ ގަވާއިދާއި އެއްގޮތަށް ނުދާތީ ކަމައްވެސް ވިޖާން ވިދާޅުވި އެވެ.