ބައެއް ވަޒީފާތަކާ ދޭތެރޭ ދެކޭދެކުން ބަދަލު ކުރަން ޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސައިކަލް ޓެކްސީގެ ހިދުމަތް ދެ ޖިންސުގެ ޑުރައިވަރުން ހިމެނޭ ގޮތަށް ފަށަން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަޒީފާތަކާ ދެކޭ ދެކުން ބަދަލުކޮށް ކޮންމެ ވަޒީފާއަކީ ވެސް ޝަރަފް ލިބިގަންނަން ޖެހޭ ވަޒީފާއެއް ކަމަށް ދެކެން ޖެހޭ ކަމަށެވެ.

"ދުނިޔޭގައި ތަރައްގީވަމުންދާ ގައުމުތަކުގައި ވެސް ވަކި ކަހަލަ ވަޒީފާ އަކީ ހަޑި ވަޒީފާއެއް ނުވަތަ ވަކި ވަޒީފާ އަކީ އަދާ ކުރުމުން ޝަރަފް ލިބިގަންނަން ޖެހޭ ވަޒީފާއެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ވަކިވަކި ވަޒީފާތަކަށް އިސްކަން ދިނުމުގެ ބަދަލުގައި މުޖުތަމައުއަކަށް އޭގެ ފައިދާ ކުރާނީ ހުރިހާ ވަޒީފާއެއް ގުޅި ލާމެހިގެންގޮސްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު ކަނޑުމަތީ ވަޒީފާ ވިޔަސް، އޭވިއޭޝަން ސެކްޓާ ވިޔަސް، ކޮންސްޓުރަކްޝަން ދާއިރާވެސް އަދި އިލެކްޓުރޯނިކް އިލެކްޓުރިކް އަދި އިންޖީނިއަރިންގެ ތަފާތު މަސައްކަތްތަކުގެ ވަޒީފާގެ ފުރުސަތުތައް މިވަނީ ހުޅުވިފައި، އެހެންވީމާ މިކަމަށް އަންހެން ފިރިހެން ބޭފުޅުންގެ ފަތާތެއް އޮވެގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓީއޯ ފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް މީގެ ކުރިން ވަނީ ބައެއް ކަހަލަ ދަށް ވަޒީފާތަކަށް ދިވެހިން ލިބުމުގައި ދަތިތަން ހުންނަ ކަން ހާމަކޮށްފަ އެވެ. ދަށް ވަޒީފާއެއް ނަމަ ރާއްޖޭގައި އެފުރުސަތު ދެނީ ބިދޭސީންނަށެވެ.