30 Jan 2017, 11:48
ވޮޝިންޓަން (ޖެނުއަރީ 30): ސީރިއާ އާއި އިރާގުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކުރާނެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ޕެންޓަގަންއަށް 30 ދުވަހުގެ މުހުލަތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ރައީސް ޓްރަމްޕް ސޮއި ކުރެއްވުމަށް ފަހު ވައިޓް ހައުސް ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ރިޔާސީ އަމުރުގައިވާ ގޮތުން އައިއެސް ބަލި ކުރުމަކީ އެެމެރިކާގެ ސިޔާސަތަކެވެ. އަދި 'އައިއެސް ބަލި ކުރާނެ ގޮތުގެ ރޭވުމުގެ ޑްރާފްޓެއް ސެކްރެޓަރީ އޮފް ޑިފެންސް، ކުރިއަށް އޮތް 30 ދުވަސްތެރޭ ރައީސް ޓްރަމްޕަށް ހުށަހަޅަން ޖެހޭނެ' އެވެ.
އެރޭވުމުގައި 'އައިއެސް އެކަހެރި ކުރުމަށާއި އެޖަމާއަތަށާއި ޖަމާއަތުގެ ހައްދުފަހަނައަޅާފައިވާ ހިޔާލުތަކަށް އޮތް ތާއިދު ކުޑަ ކުރުމަށް' ބޭނުންކުރާނެ ސައިބާ ސްޓްރެޓެޖީތަކާއި އިންފޮމޭޝަން އޮޕަރޭޝަންތަކާއި އެ ރޭވުމާ ބެހޭ ގޮތުން އާއްމުންނާ ހިއްސާ ކުރާނެ މައުލޫމާތާ ބެހޭ ގައިޑްލައިންތައް އެކުލަވާލަން ޖެހޭނެ ކަމަށް ރިޔާސީ އަމުރުގައިވެ އެވެ.
މީގެ އިތުރުން އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އާ ކޯލިޝަން ބައިވެރިން ހޯދާނެ ގޮތަކާއި އެކޯލިޝަން އިތުރަށް ބާރުގަދަ ކުރާނެ ސިޔާސަތެއް ޕެންޓަގަންއިން ހުށަހަޅާ ރޭވުމުގައި އޮންނަން ޖެހޭނެ ކަމަށް އަމުރުގައިވެ އެވެ.
އެއަމުރުގައި ސޮއި ކުރެއްވުމުގެ ކުރިން ރައީސް ޓްރަމްޕް ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ފޯނުން ވާހަކަދައްކަވާފަ އެވެ. އަދި ދެ ބޭފުޅުން ވަނީ އައިއެސްއާ ހަނގުރާމަ ކުރުމުގައި ދެ ގައުމުން އެއްބައިވެގެން މަސައްކަތް ކުރުމުގެ ޝައުގު ފާޅުކުރައްވާފައިވާ ކަމަށް ރަޝިއާ ސަރުކާރުން ނެރުނު ބަޔާނުގައިވެ އެވެ. (އާރުޓީ)