30 Jan 2017, 12:30
ލ. ކަލައިދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 14 އަހަރުގެ ކުއްޖެއްގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑި މަރުވެފައިވާ ކަމަށް އައިޖީއެމްޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު 'ސަން' އަށް ވިދާޅުވީ، އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި މިހާރު ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާ ކަމަށެވެ.
"ޑޮކްޓަރުން ވިދާޅު ވަނީ ބޮލަށް ލިބިފައި ހުރި އަނިޔާއެއްގެ ސަބަބުން ސިކުނޑި މަސައްކަތް ކުރުން ހުއްޓިފައިވާ ކަމަށް. މިހާރު ކުއްޖާ ނޭވާލަމުން ދަނީ ވެންޓިލޭޓާއެއްގެ އެހީގައި. ޑޮކްޓަރުން ވެސް ވަނީ މިހާރު އުއްމީދު ކަނޑާލާފައި،" މައުސޫމް ވިދާޅުވި އެވެ.
އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ތިން ކުއްޖަކު ސައިކަލު ދުއްވަން ނުކުމެ އުޅުމުގެ ތެރޭގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ އެތަނުން ދެ ކުއްޖަކު ދުއްވި ދެ ސައިކަލެއްގެ ދެ ޕެޑަލްގައި އަޅައިގަނެ ވެއްޓިގެންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.