30 Jan 2017, 11:33
މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ މައި އިންޝުއަރެންސް ކުންފުނި ކަމުގައިވާ އެލައިޑް އިންޝުއަރެންސް ކުންފުންޏަށް 32 އަހަރު ފުރުމުގެ މުނާސަބަތެވެ.
މެދުކެނޑުމެއްނެތި ދިވެހިންގެ ޚިދުމަތުގައި، ދިވެހިންގެ ދިރިއުޅުމުގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތަކަށް ފަރާލައިގެން އެ ހާލަތުގައި ދިވެހިންނަށް އެހީތެރިވެދިނުމުގެ މޮޓޯގައި ފާއިތުވި 32 އަހަރު ދުވަހުގައި އެލައިޑުން ވަނީ ގިނަ ހަރުފަތްތަކެއް ހުރަސްކޮށް ޒަމާނީ ފެންވަރުގެ އިންޝުއަރެންސް ސުކީމްތަކެއް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ.
އެލައިޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަމީލް މިއަދު ނެރުއްވި ބަޔާނުގައި އެކުންފުނި ސިފަކޮށްފައި ވަނީ "ދިވެހި ދަރި"އެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންގެ ދަރިން ހެދިބޮޑުވަމުން އަންނަ މަންޒަރު ފެނުމަކީ އަޅުގަނޑުމެން ހިތަށް ފިނިކަން ގެނެސް އުފާވެރިކަން ލިއްބައިދޭ އިހުސާސެއް ކުރުވާ މަންޒަރެއް. އެލައިޑް އިންޝަރެންސް ކުންފުންޏަކީ ވެސް އެފަދަ ދަރިއެއް. މި ކުންފުނި ވަނީ އަޅުގަނޑުމެން އެންމެންގެ ހިތްތައް އަތުލާފައި. އަޅުގަނޑުމެން ފަޚުރުވެރިވަން ކުންފުންޏަށް ޓަކައި. ހަމަ އެކަނި ކުންފުނިން ހޯދާފައިވާ މާލީ ކާމިޔާބީތަކަށް ޓަކައެއް ނޫން. ކުންފުނީގެ ނަޒާހަތްތެރިކަމާއި ފޯރުކޮށްދޭ ޚިދުމަތްތަކާއި ކަސްޓަމަރުންނާ ބާއްވާ ޚާއްސަ ގާތް ގުޅުމާ މެދު އަޅުގަނޑު ފަޚުރުވެރިވަން،" އަމީލް ވިދާޅުވެފައިވެ އެވެ.
ފާއިތުވި އަހަރުތަކުގައި އެލައިޑުން ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ފަސޭހަކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުމަށް ފޫގަޅައި، އެ އަމާޒުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުނިން ނެރުނު އެކުންފުނީގެ މޯބައިލް އެޕް އަކީ ނަމޫނާ އެޕްލިކޭޝަނެއްކަން ފާހަގަކޮށްލެވެ އެވެ.
ކުންފުންޏަށް 32 އަހަރުވި އިރު މުއައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ އޮފީސް ތެރޭގައި ވަނީ "އާއިލާއެއް" ބިނާ ވެފަ އެވެ. އެލައިޑުގެ އާއިލާގައި 200 މެމްބަރުން އެބަތިއްބެވެ.
އެ އާއިލާގެ މަސައްކަތުގެ ރޫޙު އިތުރުވެގެން ދިޔައީ މިދިޔަ އަހަރު ތެރޭގައި އާއިލާގެ ކަންކަމަށް އަމިއްލަ އޮފީހެއް ލިބުމުންނެވެ. އެއީ އެލައިޑް އިންޝޫރެންސް އިން އިމާރާތްކުރި "އުމަރު ޝޮޕިން އާކެޑް" އިމާރާތެވެ.
އަމީލް ވިދާޅުވީ 32 އަހަރަކީ ދިގު، ނަމަވެސް ވަރަށް ކުޑަ މުއްދަތެއް ކަމަށެވެ. އަދި އެލައިޑުގެ ބެލެނިވެރި ކުންފުންޏާ އަޅާބަލާ އިރު އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ އަދި ޅަ ކުންފުންޏެއް ކަމަށާއި ނަމަވެސް ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ އިންޝުއަރެންސް ދާއިރާއެއްގައި އޮތް އެންމެ ހަރު ކުންފުންޏަކީ އެލައިޑު ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެ ހަރުފަތް ގިރާ ކުރެވުނީ ކުންފުނީގެ ލީޑާޝިޕްގައި އިންގިލާބީ ބަދަލުތަކެއް ގެނައި ވެރިންތަކެއް ތިބެ، ހީވާގި މުވައްޒަފުން ކުރި މަސައްކަތުން ކަމަށާއި، އެ ބޭފުޅުންނާ މެދު ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މި ކުންފުންޏާ މެދު ތިޔަ ބޭފުޅުންގެ ހިތްތަކުގައި އުފެދިފައިވާ ލޯތްބައްޓަކައި ޝުކުރުވެރިވަން. އަދި ކުންފުންޏަށް ދޭ އަހަމިއްޔަތުކަމާއި މަސައްކަތަށް ބަހައްޓަވާ ފަރުވާތެރިކަން ފާހަގަކޮށް އެހުރިހާ ކަމަކަށް ޝުކުރު ދަންނަވަން،" އަމީލް ނެރުއްވި ބަޔާނުގައިވެ އެވެ.
އެލައިޑް އިންޝުއަރެންސްގެ ސަބަބުން ރާއްޖޭގެ އިންޝުއަރެންސް މާކެޓުގައި މިހާރު އިތުރު އިންޝުއަރެންސް ކުންފުނިތައް އުފެދި، މާކެޓުގައި ވަނީ ވަރަށް ބޮޑަށް ކޮމްޕެޓިޝަން އުފެދިފަ އެވެ.
އެއް ހަރުފަތުން އަނެއް ހަރުފަތަށް މި އިންޑަސްޓްރީ މިދަނީ "އިވޯލްވް" ވަމުންނެވެ. ތާރީޚުގެ ތެރެއަށް ރާއްޖޭގެ އިންޝޫރެންސްގެ "ވާހަކަ" ވަދެފައިވާއިރު، އަމީލް ވިދާޅުވަނީ އިންޝުއަރެންސްގެ އެ "ވާހަކަ" އިތުރަށް ފުރިހަމަކޮށް ގެނެސްދިނުމުގައި އެލައިޑު ފަސް ނުޖެހޭނެ ކަމަށެވެ.
"ރާއްޖޭގެ އިންޝުއަރެންސްގެ ވާހަކައަށް މިހާރު 32 އަހަރުވީ. އެކަމަކު އަދި މިފެށުނީ.." އެލައިޑުގެ އެމްޑީގެ ބަޔާން ނިންމާލައްވަމުން ވިދާޅުވެފައިވެ އެވެ.