30 Jan 2017, 11:58
ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ހަސަން އިބްރާހިމަށް މެލޭޝިއާގެ ސްޓޭޓް ކްރިކެޓް ޓީމްކަމަށްވާ ޕެނަންގެ ސްޓޭޓުން ފުރުސަތު ލިބެއްޖެ އެވެ.
ހަސަނަށް އެ ފުރުސަތު ލިބުނީ ދާދި ފަހުން މެލޭޝިއާގެ ގައުމީ ކްރިކެޓް ޓީމާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އެނާގެ ފަރާތުން ފެނެނު މޮޅު ކުޅުމުގެ ސަބަބުންނެވެ.
މެލޭޝިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ ދައުވަތަކަށް މިދިޔަ މަހު 29 އިން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެގައުމުގެ ގައުމީ ޓީމާއި 23 އަހަރުުނަ ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ވަނީ ހަތް މެޗެއް ކުޅެފަ އެވެ.
ހަސަނަށް ލިބުނު ފުރުސަތާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަމުން މޯލްޑިވްސް ކްރިކެޓް ބޯޑްގެ ރައީސް އަފްލާހު ވިދާޅުވީ މެލޭޝިއާގައި ކުޅުނު ހަތް މެޗުގައި ވެސް ހަސަނުގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.

ގައުމީ ޓީމުން މެލޭސިއާގައި ކުރިއަށް ގެންދިޔަ ޓުއާގައި އެގައުމުގެ ޓީމަކާ ދެކޮޅަށް ހަސަން ކުޅެނީ ----
"ވަރަށް ބޮޑަށް ހަސަނުގެ ޕާސް ބޯޑިން އާއި އޯވަރޯލް ޕާފޯމެންސްއަށް އަޅައިގަނެފައި ވަނީ ވަރަށް ގިނަ ކްލަބްތަކަކުން. މީގެ އެންމެ މުހިންމުކަމަކީ އަމިއްލަ ކުޅުންތެރިޔާގެ ބުރަ މަސަތްކަތް. ވަރަށް ބުރަ މަސަތްތަކުން އެހާ ހިސާބަށް އާދެވިފައި މިވަނީ،" އަފްލާހު ވިދާޅުވި އެވެ.
އަފްލާހު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަސަން މެލޭޝިއާއަށް ގޮސް ޓީމާ ގުޅޭނެ ކަމަށާއި އޭނާގެ ފުރަތަމަ މުބާރާތަކަށް ވާނީ އެ ގައުމުގެ ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ގޮތުން ޕެނަންގެ ކުޅޭ މުބާރާތް ކަމަށެވެ.
އަދި އެ މުބާރާތުގައި ހަސަންގެ ފަރާތުން ފެންނަ ކުޅުމަށް ބަލާފައި އޭނާ އަށް އިތުރު ކޮންޓްރެކްޓެއް ދިނުމާ މެދު ގޮތެއް ނިންމާނެ އެވެ. މިއީ ދިވެހި ކްރިކެޓް ތާރީހުގައި ރާއްޖޭގެ ކުޅުންތެރިއެއް ބޭރުގެ ކަލްބަކަށް ކުޅޭ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.