30 Jan 2017, 10:37
މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސާފު ފައިދާގެ ގޮތުގައި 1.03 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ. މިއީ އެ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާއެވެ.
ދެހާސް ފަނަރަވަނަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި ލިބުނީ 662 މިލިޔަން ރުފިޔާއެވެ. އެހެންކަމުން ނިމިދިޔަ 2016 ވަނަ އަހަރުގެ ފައިދާ ވަނީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ދެގުނައަށް އިތުރުވެފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ވަނީ އެކުންފުނީގެ، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފައެވެ.
އެ ރިޕޯޓު ދައްކާ ގޮތުގައި، އެ ކުއާޓަރުގައި ބީޢެމްއެލްގެ ސާފު ފައިދާ ވަނީ 281.8 މިލިޔަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 53 ޕަސަންޓުގެ ކުރިއެރުމެކެވެ.
ބީއެމްއެލްއިން ބުނީ، މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގެ ޖުމްލަ ފައިދާއަކީ މީގެ ކުރިން ބޭންކަށް ނުލިބޭހާ ބޮޑު ފައިދާއެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުން މިދިޔަ އަހަރު ވަނީ އެކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ވަރުގަދަކޮށްފައި ކަމަށެވެ. އެންޑްރޫ ވިދާޅުވީ އެކަމުގެ ސަބަބުން، ބޭންކުގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް އިންވެސްޓްކުރަން ބޭންކަށް ރަނގަޅު ފުރުސަތެއް ލިބޭނެ ކަމަށެވެ.
އެންޑްރޫ ވިދާޅުވީ މިއަހަރަކީ ގޮންޖެހުން ބޮޑު އަހަރަކަށް ވާނެ ކަމަށާއި، ބޭންކުގެ އިންވެސްޓްމެންޓް ޕްރޮގްރާމަށް ކުރާ ޚަރަދުގެ ސަބަބުން، މިހިނގާ އަހަރު ބޭންކަށް ލިބޭ ފައިދާ ދަށްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނަމަވެސް މިއަހަރު ބީއެމްއެލްގެ ކަސްޓަމަރުންނާއި ވިޔަފާރީގެ ނިސްބަތް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންޑްރޫ ވިދާޅުވީ މިއަހަރުގެ ތެރޭގައި ބީއެމްއެލްއިން 20 މިލިޔަން ޑޮލަރު ނުވަތަ 300 މިލިޔަން ރުފިޔާ ރާއްޖޭގައި އުފައްދާނެ ކަމަށެވެ. އޭގެ ތެރޭގައި 10 ސީއެސްއާރު ޕްރޮޖެކްޓު ހިންގުމާއި، ބީއެމްއެލްގެ ބްރާންޗްތަކާއި ބިޒްނަސް ސެންޓަރާއި އޭޓީއެމް ނެޓްވޯކު ފުޅާކޮށް، 150 އާ ވަޒީފާ އުފައްދާނެ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.