30 Jan 2017, 10:24
މެނީލާ (ޖެނުއަރީ 30): ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ ދައުރު ނިމެންދެން، 2022 އާ ހަމައަށް ދެމިގެންދާނެ ކަމަށް ރައީސް ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.
މިިދިޔަ އަހަރުގެ ޖޫން މަހު ވެރިކަމުގެ ހުވާ ކުރެއްވި ޑުޓާޓޭ އެންމެ ފުރަތަމަ ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާތާ ހަ މަސް ތެރޭ ފިލިޕީންސްގެ މަސްތުވާތަކެތީގެ މައްސަލަ ނިމުމަކަށް ގެންނަވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ މި އަހަރު މާޗް މަހަށް އެމަސައްކަތް ދެމިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި އިއްޔެ ރިޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޑުޓާޓޭ ވަނީ އޭނާގެ ހަ އަހަރުގެ 'ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަހާ ޖެހެންދެން' މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާނެ ކަމަށެވެ. ޑުޓާޓޭ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ނައްތާލަން ބޭނުންވާ މުއްދަތު އިތުރުކުރަން ޖެހުނީ އޭނާ ހީކުރިވަރަށް ވުރެ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވުމުންނެވެ.
މީގެ އިތުރުން މިދިޔަ އޮކްޓޯބަރު މަހު ފިލިޕީންސްގެ ފުލުހުންގެ ބަޔަކު ދެކުނު ކޮރެއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖީ އިކް ޖޫ މަރާލުމާ ގުޅިގެން ރައީސް ޑުޓާޓޭ ވަނީ ފުލުހުން ވަނީ ވަރަށް ބޮޑަށް ކޮރަޕްޓުވެފައި ކަމަށާއި ފުލުހުންގެ ތެރެއިން އެކޮރަޕްޝަން ފޮހެލާނެ ކަމަށް ވިދާޅުވެފަ އެވެ.
ފިލިޕީންސްގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނި ގޮތުގައި މެނީލާ ކައިރީ ހުންނަ ޖީ އިކް ޖޫގެ ގެއަށް މިދިޔަ އޮކްޓޯބަރު މަހު ފުލުހުންގެ ބަޔަކު ވަނީ މަސްތުވާތަކެތި ހޯދަން ކަމަށް ބުނެ އެވެ. އަދި އެމީހުން ވަނީ ޖީ އިކް ޖޫ މަރާލުމަށް ފަހު، އޭނާ މަރުނުވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ފައިސާ ހޯދަން މަސައްކަތްކޮށްފަ އެވެ. އެމައްސަލާގައި ތުހުމަތު ކުރެވޭ އެއް ފުލުހަކު ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.
ކުށްވެރިން މަރާ ފުލުހުންނަށް މާފު ދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ޑުޓާޓޭ ވަނީ ފުލުހުން ރައްކާތެރި ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް ދޮގު ހަދާ މީހުން ރައްކާތެރި ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ފިލިޕީންސުގައި އޮތް ހުރިހާ އެންޓި ޑްރަގް ޔުނިޓުތައް އުވާލައި އާ ޑްރަގް އެންފޯސްމެންޓް އޭޖެންސީއެއް ޑުޓާޓޭ އުފައްދަވާނޭ ކަމަށް ފިލިޕީންސުގެ ނޫސްތަކުގައިވެ އެވެ. (ބީބީސީ)