30 Jan 2017, 09:25
އެއްގަމު މަހުގެ ގިނަ ބާވަތްތަކަކީ އިންސާނުންގެ ސިއްޙަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ އެއްޗެއް ނަމަވެސް އެއީ ސިއްހަތަށް ނުރައްކާތެރި މާއްދާތަކާއި ސަރުބީ ވަރަށްގިނަ ބާވަތްތަކެކެވެ.
އުމުރު މައްޗަށް ދިޔުމުން އެއްގަމު މަހުގެ ނުރައްކާ އިންސާނުންނަށް ބޮޑުވެއެވެ. ގެރިމަސް ފަދަ ރަތްކަން ގަދަ އެއްގަމުމަސް ގިނައިން ކެއުމުން ކެންސަރު ޖެހުމުގެ ފުރްސަތު ވަރަށްބޮޑުވާކަން ދިރާސާތަކުން ހާމަވެފައިވެއެވެ. ގެރިމަސް ފަދަ އެއްގަމު މަހުގައި ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތަކާއި ސަރުބީ ގިނަކަމަށްވެއެވެ.
ތިރީގައި މިވަނީ އެއްގަމު މަހުގެ ބާވަތްތަކުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާބޮޑު އަދި ކެންސަރު ޖައްސާ މާއްދާތައް ނެތް ނުވަތަ އެފަދަ މާއްދާތައް އެންމެ މަދު މަހުގެ ބާވަތްތަކެވެ.
މުސަޅުމަސް
: ދިރާސާތައް ބުނާގޮތުން އެއްގަމު މަހުގެ ތެރެއިން ކާން އެންމެ ރަނގަނޅީ މުސަޅުމަހެވެ. މުސަޅު މަހަކީ ސަރުބީ ވަރަށްމަދު، ފަސޭހައިން ހަޖަމުވާ އަދި ކުޑަގޮހޮރުގެ ތެރެއިން ލޭގެ ތެރެއަށް ދިޔުމުގެ ޕްރޮސެސްވެސް ފަސޭހަ މަހެކެވެ. މުސަޅު މަހުގައި އޮމެގާ 3 އާއި ޕްރޮޓިން އާއި މައުދަނީ ލޮނުތައް ހިމެނޭއިރު ކޮލެސްޓްރޯލްގެ މިންވަރުވެސް އޭގައި ވަރަށް ދަށެވެ. މީގެއިތުރުން އެހެން މަހުގެ ބާވަތްތަކޖާ އަޅާބަލާއިރު މުސަޅު މަހުގައި ކެލަރީވެސް މަދެވެ.- ފުއްލާ މަސް: ފުއްލާގެ މަހަކީ މީރުމަހެކެވެ. އެ މަހުގައި ކެންސަރު ޖައްސާ ހޯމޯންތައް ނުހުންނަ ކަމަށްވެއެވެ. އެހެންކަމުން ނިއުޓްރަނިސްޓުން ދެކޭގޮތުގައި ކާން ރަނގަނޅު އެއްގަމު މަސްތަކުގެ ތެރެއިން އެންމެ ރަނގަނޅު އެއްމަހަކީ ފުއްލާ މަހެވެ. ފުއްލާމަހުގައި ވިޓަމިންއާއި މިނެރަލްސް ވަރަށް ގިނައެވެ. ޚާއްސަކޮށް މައުދަނީ ލޮނުތައް (މިނެރަލް ސޯލްޓް) ވަރަށް ގިނައެވެ. ފުއްލާމަހުގައި ގިނަ އަދަދަކަށް ވިޓަމިން ބީ ހިމެނެއެވެ.

- ކުކުޅުމަސް: ކުކުޅު މަހުގައި ޕްރޮޓީންސް ވަރަށް ގިނައެވެ. ގެރިމަސްފަދަ މަސްތައް ކެއުމުން ކުރިމަތިވާ ގައުޓް ގެ މައްސަލަތައް ފަދަ މައްސަލަތައް ކުކުޅު މަހުގެ ސަބަބުން ދިމާނުވާނެކަމަށް ވެއެވެ. ގައުޓަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަށް ގޯސް އަސަރުތައްކޮށް ޔޫރިކް އެސިޑް ގިނަވެ ހުޅުތަކަށް މައްސަލަ ޖެހުންފަދަ ކަންކަން މެދުވެރިވާ ބައްޔެކެވެ. ގެރިމަހާ އަޅާބަލާއިރު ކުކުޅުމަހުގައި ނިސްބަތުން ކޮލެސްޓްރޯލްވެސް މަދެވެ. އަދި ފެޓްވެސް މަދެވެ.
- ޓާކީ މަސް: ޓާކީ މަހަކީވެސް ކާން ރަނގަނޅު މަހެކެވެ. ކުކުޅު މަހެކޭ އެއްގޮތަށް ޓާކީ މަހުގައި ޕްރޮޓީންސް ގިނައެވެ. ގެރިމަސްފަދަ މަސްތައް ކެއުމުން ކުރިމަތިވާ ގައުޓް ގެ މައްސަލަވެސް ޓާކީ މަހުގެ ސަބަބުން ދިމާނުވާނެއެވެ. ޓާކީ މަހުގައި ކޮލެސްޓްރޯލްވެސް މަދެވެ. އަދި ފެޓްވެސް މަދެވެ. ކެންސަރު ޖައްސާ ހޯމޯންތައް ވަރަށް މަދެވެ. އަދި ވިޓަމިންއާއި މިނެރަލްސްވެސް އެކަށީގެންވާ ވަރަކަށް ހުރެއެވެ.

- އަސް މަސް: އަހުގެ މަހަކީ އާންމުކޮށް ގިނަ ބަޔަކު ކާ މަހެއް ނޫނެވެ. އެއީ އަގުވެސް ބޮޑުމަހެކެވެ. މަހުގެ ބޭނުމަށް ބޮޑުކުރާ އަހަށް ކާންދޭނީ ތަބީއީ ހުއާއި ކެމިކަލް ނެތް ފޮޑާއެވެ. ދަތުރު ފަތުރު ކުރުމަށާއި ދުއްވުމަށް ބޭނުންކުރާ އަހަށް ކާންދޭގޮތާއި އަދި ދޭ ކާނާ މަހުގެ ބޭނުމަށް ބޮޑުކުރާ އަހަށް ދޭ ކާނާއާ ވަރަށް ތަފާތުވާނެއެވެ. ކެންސަރު ޖައްސާ ހޯމޯންތަކާއި ސަރުބީތައް އެންމެ މަދު އެއްމަހަކީ އަހުގެ މަހެވެ. މީގެއިތުރުން ތަފާތު ވިޓަމިންތަކާއި މިނެރަލްސް އޭގައި ހިމެނެއެވެ.
- ބަކަރި މަސް: ބަކަރި މަހަކީވެސް މަދުން ކާން ރަނގަނޅު މަހެކެވެ. ބަކަރި މަހުގައި ކޮލެސްޓްރޯލް ހުރިނަމަވެސް ގެރިމަހަށްވުރެ ކޮލެސްޓްރޯލް މަދެވެ. އަދި ފެޓްވެސް މަދެވެ. އަދި ޕްރޮޓީންސް އާއި މައުދަނީ ލޮނުތައް ބަކަރިމަހުގައި ވަރަށް ގިނައެވެ. އުމުރު މައްޗަށް ދިޔުމުން ބަކަރި މަސް ކާން ރަނގަނޅީ ދެހަފްތާއިން އެއްހަފްތާ ފަދަ ގޮތަކަށެވެ. މިއަށްވުރެ ގިނައިން ކާނަމަ ކާ މިންވަރު މަދުކޮށްލުން ރަނގަނޅެވެ. (މެއިލް ރޯވް)