ކިއުބެކް(ޖެނުއަރީ 30): ކެނެޑާގެ ކިއުބެކް ސިޓީގައި ހުންނަ މިސްކިތަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދީ، ފަސް މީހަކު މަރާލައިފި ކަމަށް އެ މިސްކިތުގެ ވެރިޔާ ބުނެފި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ހަތިޔާރު އަޅައިގެން ތިބި ތިން މީހަކު ކިއުބެކް ސިޓީ އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ވަދެ ބަޑިން ހަމަލާދިން އިރު އެތަނުގައި ގާތްގަނޑަކަށް 40 މީހުން ތިއްބެވެ.

މިސްކިތުގެ ވަށައިގެން އޮތް ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ އިރު އެހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ހަމަލާގައި މަރުވި މީހުން ނުވަތަ އަނިޔާވި މީހުންގެ އަދަދު ފުލުހުން އަދި ޔަގީންކޮށްދީފައި ނުވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ބަޔަކު ވަނީ އެ މިސްކިތް ކުރިމަތީގައި އޫރެއްގެ ބޮލެއް ބާއްވާފައެވެ. (އަލްޖަޒީރާ)