30 Jan 2017, 08:49
މިދިޔަ ހަފްތާގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތީ'ގެ ސެޓަށް އެއްވި ބަޔަކު އޭނާ އަށް ހަމަލާދީ، ފިލްމުގެ ސެޓު ހަލާކު ކޮށްލި މައްސަލައިގައި ބަންސާލީއަށް ސަޕޯޓު ކުރުމަށް ކުޅަދާނަ އެކްޓަރު ސުޝާންތު ޓުވިޓާގައި ބޭނުން ކުރަމުން އައި ނަމަށް ބަދަލު ގެނެސްފި އެވެ.
ޖެއިޕޫރުގައި ހުންނަ ޕަދްމާވަތީގެ ސެޓަށް ގޮސް ބަންސާލީއަށް ހަމަލާދީފައި ވަނީ 'ޕަދްމާވަތީ' އާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ރާޖްޕުތު ކަރްނީ ސޭނާ ކިޔާ ގްރޫޕަކުންނެވެ.
އެ ހަމަނުޖެހުމަށް ފަހި ސުޝާންތު މީގެ ކުރިން ޓުވިޓާގައި ބޭނުން ކުރަމުން އައި 'ސުޝާންތު ސިންގ ރާޖްޕުތު' މިހާރު ވަނީ ހަމައެކަނި ސުޝާންތު ސިންގ އަށް ބަދަލުކޮށްފައެވެ. ސުޝާންތު ވަނީ އޭނާގެ ނަމުން 'ރާޖްޕުތު' އުނިކޮށްފައެވެ.
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއާ، މަހެންދުރަ ސިންގ ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމު "އެމް.އެސް. ދޯނީ، ދަ އަންޓޯލްޑް ސްޓޯރީ"ގެ ބަޠަލު ސުޝާންތު ވަނީ ޕަދްމާވަތީގެ ސެޓުގައި ހިންގި ހަމަނުޖެހުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި ކަންކަން ބަދަލުވަމުން އަންނަ ގޮތާމެދު ހިތާމަ ކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޓުވިޓާގައި ބޭނުން ކުރަމުން އައި ނަމަށް ބަދަލު ގެނައުމުގެ ސަބަބުން ސުޝާންތަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ. ނަމަވެސް ސުޝާންތު އެ ކަމަށް ފަރުވާލެއް ނުބަހައްޓައެވެ.
ރާޖްޕުތު ކަރްނީ ސޭނާއިން ޕަދްމާވަތީ އުފެއްދުން ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުން އަންނަނީ އެ ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.
އެ ގްރޫޕުގެ މެމްބަރުން ވަނީ ބަންސާލީގެ މޫނުމަތީގައި ޖަހައި، އޭނާގެ އިސްތަށިގަނޑަށް ދަމައި އަނިޔާކޮށްފައެވެ. އޭގެ އިތުރުން ސެޓުގައި ހުރި ބައެއް ސާމާނުތަކަށް ވެސް ގެއްލުންދީފައިވެއެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ފިލްމުގެ ޝޫޓިން މެދުކަނޑާލާފައި ވާއިރު، ހަމަލާއަށް ފަހު ބަންސާލީ ވަނީ ފިލްމުގައި އެއްވެސް ކަހަލަ ގައިގޯޅި މަންޒަރުތަކެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ.
ބަންސާލީއަށް ދިން ހަމަލާ، ބޮލީވުޑުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބަންސާލީއާއެކު ތިބިކަން ހާމަކޮށްފައެވެ.
ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ ޕަދުކޯން އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގގެ ރޯލުން ފެނިގެން ދާނީ ޝާހިދު ކަޕޫރެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.