30 Jan 2017, 08:36
ބޮލީވުޑްގެ ބަތަލާ އައިޝްވާރްޔާ ރާއި ބައްޗަންގެ ބައްޕަ، ކްރިޝްނާރާޖް ރާއީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އައިޝްވާރްޔާގެ ބައްޕަ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން އަންނަތާ މިހާރު ދެ ހަފްތާ ވަނީ ވެފައެވެ. އައިޝްވާރްޔާގެ ބައްޕަ އެނދުމަތިކޮށް ފަރުވާ ދެމުން އަންނަ ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.
އައިޝްވާރްޔާގެ ބައްޕަ ހޮސްޕިޓަލަށް ގެންދިޔަ އިރު އައިޝްވާރްޔާ ހުރީ ފިރިމީހާ އަދި ދަރިފުޅާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ދުބާއީގައެވެ. ބައްޕަ އެނދުމަތި ކުރުމާއެކު އައިޝްވާރްޔާ ވަނީ ޗުއްޓީ ކުރުކޮށްލުމަށް ފަހު އެނބުރި އިންޑިއާ އަށް އައިސްފައެވެ.
އަދި ބައްޕަގެ ހުރިހާ ކަމެއް އެކަނި ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން ވެސް ވަނީ މިހާރު އިންޑިއާއަށް އައިސް، ބައްޕަގެ ކަންތައްތަކުގައި ބައިވެރިވަމުންނެވެ.
ކްރިޝްނާރާޖް އަކީ ބަޔޮލޮޖިސްޓެކެވެ. އޭނާ ވަނީ އިންޑިއާ އަސްކަރިއްޔާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ.