ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސް ފަރުވާއަށް އިނގިރޭސީ ވިލާތަށް ވަޑައިގެން، ސިޔާސީ ހިމާޔަތް ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާއަށް ވަޑައިގެންފި އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ލަންކާއަށް މިއަދު ވަޑައިގެންނެވިކަން އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު "ސަން"އަށް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އުޅުއްވާ ސަބަބެއް އެނގިފައެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަޝީދު ލަންކާއަށް ވަޑައިގެންނެވީ އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، އެމްޑީޕީގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާކޮށްލުމަށެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ނަޝީދާ ބައްދަަލު ކުރެއްވުމަށް ލަންކާއަށް ވަޑައިގަންނަވާނެ އެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯދި ފަހުން މީގެ ކުރިން ވެސް ނަޝީދު ވަނީ ލަންކާއަށް ވަޑައިގެންފައެވެ. ނަޝީދު ލަންކާއަށް ވަޑައިގަތުމުގެ ކުރިން ދާދި ފަހުން އެމަނިކުފާނު ވަނީ އެމެރިކާއަށް ވެސް ވަޑައިގެންފަ އެވެ.

ދިވެހި ސަރުކާރުން ވަނީ ނަޝީދު ޕާސްޕޯޓް ކެންސަލްކޮށްފަ އެވެ.

ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެނބުރި ރާއްޖެ ދާނަން. ދެން އެއީ ޖަލަށް ކަމަށް ވެއްޖެއްޔާ ޖަލަށް. އަޅުގަނޑުގެ ހަޔާތް ނިމެންދެނެއް އަޅުގަނޑު ރާއްޖެއިން ބޭރުގައި އުޅޭކަށް ގަސްތެއް ނުކުރަން. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖެ ދާނަން،" ރައީސް ނަޝީދު ކުރިން ވިދާޅުވިއެވެ.