ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އަތުން ފަސޭހަކަމާއެކު މޮޅުވެ، އޭޝިއާ ކޮލިފައިންގެ ފައިނަލް ބުރުން އީރާން ޖާގަ ހޯދައިފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ރާއްޖޭގެ މައްޗަށް އީރާނުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެކެވެ. އީރާން ބާރު ހަމަލާތައް ރާއްޖެއަށް ބްލޮކް ނުކުރެވުނު ސެޓު އީރާނުން ކާމިޔާބު ކުރީ 25-4 އިންނެވެ.

މެޗުގެ ދެ ވަނަ ސެޓުގައި ރާއްޖޭގެ ކުޅުން ރަނގަޅުކުރިތަން ފެނިގެންދިޔަ އެވެ. އެ ސެޓުގެ ކުރީކޮޅުގައި ވެސް އީރާނުން ބޮޑު ލީޑެއް ނެގި ނަމަވެސް، ރާއްޖެއިން ވާދަވެރި ކުޅުމެއް ދެއްކި އެވެ. އެ ސެޓު އީރާނުން ކާމިޔާބު ކުރީ 25-12 އިންނެވެ.

މެޗުގެ ތިންވަނަ ސެޓުގެ ކުރީކޮޅު ރާއްޖެ އާއި އީރާންގެ ފަރާތުން ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހަތަރު ޕޮއިންޓާ ހަމައަށް ރާއްޖެ ލީޑުގައި އޮތް ނަމަވެސް، އީރާނުން ވަނީ ކުޅުން ވަރުގަދަކޮށް ލީޑު ހޯދައިފަ އެވެ. އެ ސެޓު އީރާނުން ކާމިޔާބު ކުރީ 25-15 އިންނެވެ.

މިއަދު ކުޅުނު މެޗުގައި ވެސް އީރާންގެ ފަރްނޫޝް ޝޭހީ އާއި، ކެޕްޓަން ޒައިނަބް ގިވާ އާއި، މާއިދާ ބޮރްހާނީ އަދި މަހުސާ ސަބޭރީގެ ކުޅުން ފާހަގަކޮށްލެވެ އެވެ. މެޗުގައި ރާއްޖޭގެ އައިޝަތު މާޖިދާނއާއި ހައްވާ ރާޝިދާ އަދި ފާތިމަތު ޖޫޒާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

އީރާނުން ސެންޓްރަލް ޒޯން ބުރުގެ އެއްވަނަ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. އީރާން ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅުވީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގެ ރަން މެޑެލް ހޯދީ އީރާނުންނެވެ. ރިހި މެޑެލް ނޭޕާލުން ހޯދިއިރު، ރާއްޖެއަށް ލިބުނީ ލޯ މެޑެލްއެވެ. މުބާރާތުގެ އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔަކަށް އީރާންގެ މައިދާ ބަރްހާނީ ހޮވުނުއިރު، އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ އެޓީމުގެ ކެޕްޓަން ޒައިނަބް ގިވާއެވެ. ދެވަނައަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ނޭޕާލުގެ ޕްރަތިބާ މަލީއެވެ. އެންމެ މޮޅު މިޑަލް ބޮލްކަރަކަށް އީރާންގެ ފަރްނޫޝް ޝޭއިޚީ ހޮވުނުއިރު، ދެވަނައަށް އެންމެ މޮޅު މިޑަލް ބްލޮކަރަކަށް ހޮވުނީ ނޭޕާލްގެ ސަދަވޭ ބަގަފޯއެވެ. އެންމެ މޮޅު ސެޓަރަކަށް އީރާންގެ ޝަބްނަމް އަލިޚާނީ ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ނެގާރް ކިއާނީއެވެ. އެންމެ ފައިދާހުރި ކުޅުންތެރިތަކަށް ހޮވުނީ އެންމެ މޮޅު ސެޓަރަކަށް ވެސް ހޮވުނު އީރާންގެ ޝަބަމް އަލިޚާނީއެވެ.

އީރާން ދެން ވާދަކުރަން ޖެހޭނީ އޭޝިއާގެ ކޮލިފައިން ބުރުގަ އެވެ. އެ ބުރުގައި އީރާންގެ އިތުރުން ދެން ވާދަކުރާނީ އީސްޓަން އޭޝިއާ ޒޯންގެ އެއް ވަނަ އާއި އޯޝޭނިއާ ޒޯންގެ އެއްވަނަ އާއި ޗައިނާ އާއި ކަޒަކިސްތާނާއި ޗައިނީޒް ޓައިޕޭ އާއި ތައިލޭންޑާއި ސައުތު ކޮރެއާ އަދި ވިއެޓްނާމެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އެ ބުރުގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕަށް ދަތުރުކުރާނެއެވެ.