29 Jan 2017, 18:51
ރާއްޖެއަށް އެތެރެކުރާ ތަރުކާރީ އާއި މޭވާގެ ތެރެއިން ފަސް ބާވަތެއްގެ ތަކެތި އެތެރެ ކުރުން ހުއްޓާލައި، އެތަކެތި އެތެރެކުރަން ނުޖެހޭ މިންވަރަށް ރާއްޖޭގައި އުފެއްދުމުގެ އަމާޒަށް ވާސިލްވުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
"ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ސަރުކާރުގެ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުގެ ފަސް އަހަރުގެ ދުވަހުގެ ޓާމުގައި ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ކުރެވެމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ކުރުމަށް ހަމަޖައްސާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ބައެއް ތަރުކާރީ އާއި މޭވާގެ ބާވަތްތައް، ބޭރުން އެތެރެ ކުރަން ނުޖެހޭ މިންވަރަށް އުފެއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިއަހަރުގެ ތޭރެގައި ފަށާނެ ކަމަށް އޭނާ ވިިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ މަގުސަދަކީ ރާއްޖެއަށް އިމްޕޯޓު ކުރާ މިންވަރު މަދުކޮށް، ރާއްޖެއިން އުފެއްދޭ ތަކެތި ދިވެހި ބާޒާރުގައި ވިއްކުމެވެ.
"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގަ މިދެންނެވި ގޮތަށް ރާއްޖެއަށް އިމްޕޯޓު ކުރާ އަދަދު މަދުކޮށް އެ ބާވަތްތަކުން ރާއްޖެއަށް އިމްޕޯޓު ކުރަން ނުޖެހޭ ވަރަށް ރާއްޖޭގެ ޕްރޮޑަކްޝަން އިތުރުކުރުން،" ޝައިނީ ވިދާޅުވި އެވެ.
މި އަމާޒަށް ވާސިލްވުމުގެ ގޮތުން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެ ކުރަން ނުޖެހޭ ވަރަށް އުފައްދަން މަސައްކަތް ކުރާ ބާވަތްތައް:
މިރުސް
- ދޮންކެޔޮ
- ކަރާ
- ބަރަބޯ
- ފަޅޯ
މި ތަކެއްޗަކީ މިހާރުވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އުފައްދަމުން ދާ ބާވަތްތަކެވެ. ނަމަވެސް އެކަށީގެންވާ ވަަރަށް ރާއްޖޭގައި ނުއުފެއްދޭތީ ގިނަ ވިޔަފާރިވެރިން ދަނީ މިތަކެތި ބޭރުން ގަނެ އިމްޕޯޓު ކުރަމުންނެވެ.
ދަނޑުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑު ޚަރަދެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށްޓަކައި ރަށްތަކާއި ބިން އަދި ލޯނު ދޫކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ.