އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މާދަމާ ޖަރުމަންގެ ބާލިންގައި ފަށާ އިރު މުބާރާތައް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެނިމިފައިވާ ކަމަށް ދުނިޔޭގެ ފުޓްބޯޅަ އާ ބެހޭ މައި އިދާރާ (ފީފާ) އިން ބުނެފި އެވެ.

ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި މާދަމާ ބައްދަލުކުރާ ދެ ޓީމަކީ މުބާރާތް ބާއްވާ ޤައުމު ކަމުގައިވާ ޖަރުމަނާއި ކެނެޑާ އެވެ. މި ދެ ޓީމް ވެސް ގްރޫޕް "އޭ" ފަޅީގައި ހިމެނޭ އިރު މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވެސް ޖަރުމަނެވެ. އެގޮތުން ޖަރުމަން ވަނީ 2003 ވަނަ އަހަރާއި 2007 ވަނަ އަހަރު ވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިފަހަރުގެ މުބާރާތް ޖަރުމަނުން ކާމިޔާބު ކުރެވިއްޖެ ނަމަ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި ޖަރުމަނަށް ލިބޭނެ އެވެ.

ގްރޫޕް "އޭ" ފަޅީގައި ދެން ހިމެނޭ އަނެއް ދެ ޓީމަކީ ނައިޖީރިއާ އާއި ފްރާންސް އެވެ. އެގޮތުން މި ދެޓީމް ވެސް މާދަމާ ކުޅޭނެ އެވެ.

މިމުބާރާތުގައި ގްރޫޕް ބީ ފަޅިގައި ވާދަކުރާ ޓީމްތަކަކީ ޖަޕާނާއި ނިއުޒިލެންޑާއި މެކްސިކޯ އަދި އިންގްލޭންޑެވެ. ގްރޫޕް ސީގައި އެމެރިކާ އާއި އުތުރު ކޮރިއާ އާއި ކޮލަމްބިއާގެ އިތުރުން ސްވިޑިން އެވެ. އަދި ގްރޫޕް "ޑީ"ގައި ހިމެނޭ ޓީމްތަކަކީ ބްރެޒިލް އާއި އޮސްޓޭލިއާ އާއި ނޯވޭގެ އިތުރުން އިކުވިޓޯރިއަލް ގްވިނެއާ އެވެ.

މިމުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، މާދަމާގެ މެޗް ބެލުމަށްޓަކައި ޖަރުމަންގެ ގިނަ ރައްޔިތުން ވަނީ ދަނޑަށް ވަނުމުގެ ޓިކެޓް ނަގާފަ އެވެ. އެގޮތުން ފީފާ އިން ބުނީ ޓިކެޓް ވިކޭ އަދަދު ވަރަށް ގިނަ ކަމަށާއި މިހާރު ވެސް ޓިކެޓް ވަނީ ރިކޯޑް އަދަދަކަށް ވިކިފައި ކަމަށެވެ.