29 Jan 2017, 16:11
މެކްސިކޯ ސިޓީ(ޖެނުއަރީ 29): އެމެރިކާ އާއި މެކްސިކޯއާ ދެމެދު ފާރެއް ރޭނުމަށް ރިޔާސީ އަމުރެއް ނެރުއްވައި، އެފާރަށް ހަރަދު ކުރާނީ މެކްސިކޯއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެގައުމުގެ ކުންފުނިތައް ބޯއިކޮޓް ކުރަން މެކްސިކޯއިން ގޮވާލަން ފަށައިފި އެވެ.
އެމެރިކާގެ ކުންފުނިތައް ކަމަށްވާ މެކްޑޮނަލްޑްސް، ވޯލްމާޓް އަދި ކޮކާކޯލާ ބޯއިކޮޓް ކުރަން ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންދާ އިރު އެންމެ ބޮޑު ކެމްޕެއިނެއް ކުރިއަށް ދަނީ ސްޓާބަކްސްއާ ދެކޮޅަށެވެ. ސްޓާބަކްސްގެ އުފެއްދުންތައް ނުގަތުމަށް ގޮވާލާ ކެމްޕެއިން 'އާޑިއޮސްސްޓާބަކްސް' ހޭޝްޓެގް ވަނީ ޓުވިޓާގައި ޓްރެންޑްވެފައެވެ.
އޭގެ ސަބަބުން ސްޓާބަކްސް އިން ވަނީ އެކުންފުނި ދިފާއުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން ސްޓާބަކްސް އިން ވަނީ މެކްސިކޯގައި އެތައް މިލިއަން ޑޮލަރު އިންވެސްޓްކޮށް، 7،000 ވަޒީފާ އުފައްދާފައި ކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އެމެރިކާގެ ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ފޯޑް އިން މެކްސިކޯގައި އިންވެސްޓް ކުރަން ރޭވުމަށް ފަހު އެ ރޭވުން ކުއްލި ގޮތަކަށް ބާތިލު ކުރުމާ ގުޅިގެން މެކްސިކޯގެ ސްޓޭޓް ގަވަރުނަރަކު ވަނީ އެ ސްޓޭޓުން ދެން ފޯޑްގެ ކާރުތައް ނުގަންނާނެ ކަމަށާއި، މުޅި ގައުމުން ވެސް އެގޮތަށް އަމަލު ކުރުމަށް ގޮވާލާފައެވެ. (އިންޑިޕެންޑެންޓް)