އެއްވެސް ކްލަބަކަށް ކޯޗުކަން ނުކޮށްދޭނެ ކަމަށް، ބާސެލޯނާ އަދި ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ބުނެފިއެވެ.

ރޮނާލްޑީނިއޯއަށް ކޯޗުކަން ނުކޮށްދެވޭނެ ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ މެޗެއްގެ 90 މިނެޓް ކުޅިބަލަން ނުހުރެވޭނެތީ ކަމަށް ވުމުންނެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑީނިއޯ މިހާރު ހުރީ ފްރާންސްގެ ޕެރިހުގައެވެ. މިއަދު ފްރާންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ރޮނާލްޑީނިއޯގެ ކުރިން ކުޅުނު ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ނުކުންނަ މެޗު ބެލުމަށް އޭނާ ދަނޑަށް ވަންނާނެއެވެ.

"އަހަރެންނަށް މެޗުގެ 90 މިނެޓްގެ ކުޅުން ބަލާކަށް ނުހުރެވޭނެ. އެއީ އަހަރެންނަށް ވަރަށް އުނދަގޫ ކަމެއް. އަހަރެން އެންމެ ބަލަން ބޭނުމީ މެޗުގެ އެންމެ ހިތްގައިމު މަންޒަރު. އެއީ ހަމައެކަނި ގޯލްތައް. އެހެންވެ އަހަރެންނަށް ކޯޗަކަށް ނުވެވޭނީ،" ގޯލްޑޮޓްކޮމްއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯ ބުންޏެވެ.

ޔޫރަޕުން ރޮނާލްޑީނިއޯގެ ނަން އެންމެ ފުރަތަމަ ފެވިގެންދިޔައީ ޕީއެސްޖީއިންނެވެ. ބާސާއިން އޭނާ ފެނިގެންދިޔައީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކުމަށްފަހުއެވެ.

"އަހަރެންނަށް މިތަނުގެ އެންމެންވެސް ވަރަށް އިހުތިރާމްކުރޭ. މިއީ އަހަރެން ވަރަށް ލޯބިވާ ކްލަބެއް. އަހަރެންނަކަށް ނޭނގޭ މިކްލަބުގެ މީހުން އަހަރެން ދެކެ އެހާވަރަށް ލޯބިވާ ސަބަބެއް. އަހަރެންނަށް އެމަންޒަރު ފެނުމުން ހުރެވެނީ ބުނާނެ އެއްޗެއްވެސް ނޭނގިފަ،" އޭނާ ބުންޏެވެ.

ރޮނާލްޑީނިއޯ ބުނީ، ޔޫރަޕުން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައީ ޕީއެސްޖީއާ ގުޅުމުން ކަމަށާއި އެކްލަބުގައި ހޭދަކުރި ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ.