ތުއްތު ކުދިންގެ ހިތްތަކުގައި ދިވެހި ތާރީހާއި ސަގާފަތާއި އާދަކާދައަށް ލޯބި ޖައްސަން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ޕްރީސްކޫލުގެ މުދައްރިސުން ހޭލުންތެރިކުރުވުމަށް މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިި އެވެ.

"ތުއްރަވާސް 1" ގެ ނަމުގައި ދިވެހި ބަހުގެ އެކެޑަމީން މިދިޔަ ހޮނިހިރު ދުވަހު ސްޓެލްކޯގައި ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުވުމުގައި، މާލޭގެ 10 ޕްރީ ސްކޫލަކުން 50 އަށް ވުރެ ގިނަ މުދައްރިސުންވަނީ ބައިވެރިވެފަ އެވެ.

އެ ބައްދަލުވުމުގައި ޕްރީ ސްކޫލު ތަކުގެ ދަރިވަރުންނަށް ތާރީހު އުނގަންނަވައިދެވޭނެ ތަފާތު ގޮތްތަކުގެ މޮޑެލްތަކާއި ހަރަކާތްތައް ވަނީ ހުށަހަޅައިދީފަ އެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ އެ މަސައްކަތު ބައްދަލުވުމުގެ މަގުސަދަކީ ރާއްޖޭގެ ފަށާ ތައުލީމު އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ ޕްރީސްކޫލުގެ މުދައްރިސުން ދިވެހި ތާރީހަށް ހޭލުންތެރި ކުރުވައި އެ މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށް ދިނުން ކަމަށެވެ.

އެ އެކެޑެމީން ބުނީ ކައިރި މުސްތަގުބަލެއްގައި "ތުއްރަވާސް"ގެ ދެވަނަ ވޯކްޝޮޕެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ޕްރީސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވާހަކަ ފޮތެއްވެސް ނެރެފަ އެވެ.

"ނާނާ"ގެ ނަމުގައި ފާތިމަތު ލީނާ ތައްޔާރުކޮށްފައިވާ އެ ފޮތުގައި ކުރީޒަމާނުގައި ކުދިން ނިންދަވަން ބޭނުންކުރި ބަނދި ހިމަނާފައިވެ އެވެ. އެ ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އެވެ.